ކޮލަމް

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް، ވެރީންގެ މޫނަކަށް މަބްރޫކް!

ދެން އެމްވީ ، ދެން އޮންލައިން

ޞިއްޙީ ދާއިރާގެ ވަޞީލަތްތަކުގެ ވާހަކަ އިހަށް ބާއްވާށެވެ. ކޮވިޑް19 ޖެހިގެން މި ކުޑަކުޑަ ގައުމުގެ 50އަށް ވުރެ ގިނަ މީހުން މި މަސްތެރޭގައި ދުނިޔެ ދޫކޮށްފިއެވެ. ކޮންމެ ދުވަހަކު ހާހުން ދެހާހުން މީހުން ފައްސިވަމުން ދަނީއެވެ. ރާއްޖޭގެ 60އަށް ވުރެ ގިނަ ރަށް އޮތީ އަރައިފޭބުން މަނާކޮށް މޮނިޓަރިންގައެވެ. އެ ރަށްރަށުގައި އެތައް ސަތޭކަ ބަޔަކު ތިބީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓައިލައިގެން ގޭގައެވެ.

Ads by Hajj Corporation

ކޮވިޑުގެ މި ހާލަތަށް ލުޔެއް ލިބޭނެ ކަމަށް ފަންނީ މާހިރުން ވިދާޅުވާ ޙައްލަކީ ވެކްސިނެވެ. އާބާދީގެ 70 ނުވަތަ 80 އިންސައްތައިގެ މީހުން ދެ ޑޯޒް ފުރިހަމަ ކުރުމެވެ. އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކޮށް ހާޑު އިމިއުނިޓީއަކަށް މުޖުތަމައު ގެންދިޔުމެވެ. މިއީ އެންމެންގެ ދޫމަތީގައި ވެސް ފަރިތަ އެމެރިކާގެ ހެޑް އިމިޔުނޮލިޖިސްޓް ، ޑރ.ފައުޗީގެ ވެސް ރައުޔެވެ.

ނަމަވެސް ވެކްސިންގެ ޕްރޮގްރާމް ވަނީ އޮޅުންބޮޅުން ވެފައެވެ. އިންޑިއާއިން ގެނައި ކޮވިޝީލްޑްގެ ތިން ލައްކަ ޑޯޒް ދެ ލައްކައާ ކައިރިކުރާ އަދަދެއްގެ މީހުންނަށް ދިނުމުން އެމީހުންގެ ތެރެއިން ބައެއް މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގައި އުނދަގޫތަކެއް ދިމާވިއެވެ. 8 ހަފްތާ ފަހުން ޖަހަން ބުނާ ދެވަނަ ޑޯޒް ޖަހަށްވީއިރު އިންޑިއާ ، ކޮވިޑުން ދޮވެވުމުން ދެން ވިދާޅުވަމުން ގެންދެވީ 8 ހަފްތާއަށް ވުރެ ލަސްވިޔަސް ރަނގަޅުވާނެ ކަމަށެވެ. ރާއްޖެއިން އޯޑަރުދީ ފައިސާ ދައްކައިފައިވާ އެސްޓްރާޒެނެކްގެ ހަތްލައްކަ ޑޯޒު ވީ ތަނެއް ނޭނގެއެވެ. ޖޫންމަހުގައި ލިބެއެއް ނުލިބެއެއް ނޭނގެއެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން މި ހާލަތަށް ދިޔައީ އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރުމުގެ ސަބަބުންނެކޭ ދަންނަވާކަށް ނެތީމެވެ. އަދި އެއީ ފަރުދީ ޒިންމާ އަދާ ނުކުރުމުގެ ނަތީޖާއެކޭ ވެސް ނުބުނަމެވެ. ނޫން ނަމަ މެދުއިރުމައްޗަށް، ވަޒީފާއަށް ދިޔުމުގެ ކުރީން "ކަރަންޓީން ވެކޭޝަން"އިންޑިއާއަށް ހުޅުވައިލުމަކީ މާބޮޑު ސަބަބެއް ކަމަކަށް ވެސް ނުވިސްނެއެވެ. ޔަގީންކަމަކީ ހާލަތު ގޯހެއް ނޫނޭ ، އެބަ މެނޭޖުކުރެވޭ ވިދާޅުވި ނަމަވެސް އެކަން ޤަބޫލު ކުރެވެން ނެތްކަމެވެ.

ކޮވިޑް ފެސިލިޓީގެ ޙާލަތުތައް ގޯސްކަމުގެ ޝަކުވާ އަބަދުމެ އިވެމުން ދެއެވެ. ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ނުލިބިގެން މަބްރޫކާ ސުވާލުކޮށްލަދީބަލާށޭ ބުނެ ލިބޭ މެސެޖުތައް ވެސް މަދީކީ ނޫނެވެ. އެތައް ރަށެއް ވަނީ ނަރުހުންނަށް ޖެހިފައެވެ. ޑޮކްޓަރުންނަށް ޖެހިފައެވެ. އާލާތްތަކަށް ޖެހިފައެވެ. އެމްބިއުލެންސް ދޮތުމުގެ މަސައްކަތް ވެސް ބައެއް ރަށްރަށުގައި ކުރަން ޖެހެނީ ނަރުހުންނެވެ. ގިނަ ހޮސްޕިޓަލްތަކުގައި ސްކޭން ކުރެވޭކަށް ނެތެވެ. ސްކޭން މެޝިނެއް ހުރިއްޔާ ރޭޑިއޮލިޖިސްޓެއް ނެތެވެ. އެހެނަސް މަރު މިހެނަސް މަރުކަމަށް ނިންމައި އަންނާން ޖެހެނީ މި ނުރައްކާ ބޮޑު މާލެއަށެވެ. ވިހައިގެން ދާން ޖެހެނީ ދެ މައިން ފައްސި ވެގެންނެވެ.

ވޮލަންޓިއަރުންނާއި ޞިއްޙީ ޚިދުމަތްތެރީންނަށް ސާބަހެވެ. ބައްޔަށް ހުށަހެޅި ޑަބަލް ޑިއުޓީގައި ތިޔަ ކުރައްވާ މަސައްކަތަށް އޮތީ ތަޢުރީފެވެ. ޙައްޤު ޝުކުރެވެ. ނަމަވެސް އެވެރީންނަށް ދޭން ޖެހޭ އެލަވަންސްގެ ކަންތަކުގައި ވެސް އެޗްޕީއޭއިން ދަމަމުން ގެންދިޔައީ ހާސަރެވެ. އެ ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސް ނުދެވި ލަސް ވަނީ ހާޟިރީގައި މައްސަލަތަކެއް ހުރެގެން ކަމަށް ވިދާޅުވާން ލަދު ވެސް އަޅެ ނެތީ ހެއްޔެވެ؟ވެންޓިލޭޓަރުތަކުގައި އުންސުރު ހަމަނުވިއިިރު މިފަދަ ވާހަކައެއް ދައްކާން ވެސް ހެޔޮ ވާނެ ހެއްޔެވެ؟

މި ދައްކަނީކީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތުން ކުރާ ކަމެއްގެ ވާހަކައެއް ނޫނެވެ. ބޮޑު ، ފުޅާ ސަރުކާރަކުން ޕެންޑަމިކެއް މެނޭޖުކުރާ ގޮތުގެ ވާހަކައެވެ. ހެލްތު މިނިސްޓަރ ކެރަފާ އަހުމަދު ނަސީމާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިއްބެވީ މަބްރޫކުގެ ނިވަލުގައެވެ. ޞިއްޙީ ޚިދުމަތްތެރީން ވަރުބަލިވެއްޖެއެވެ. މަރުގެ އަދަދުތައް އިއްވާއިއްވާ މާޔޫސްވެއްޖެއެވެ. ގައުމަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި ނިޝާން ޢިއްޒުއްދީންގެ ޝަރަފް ލިބިވަޑައިގެންނެވި ބޭފުޅުން ވެސް މި ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރައްވައިފިއެވެ. ޕެންޑަމިކްގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އޭރަށް ވުރެ މިހާރު ހުރިހާ ގޮތަކުން ވެސް ނުރައްކާކަމަށް ނަމްބަރުތައް ބުނެދެއެވެ.

ތަރުޖަމާނު މަބްރޫކް ޢަޒީޒުގެ މަސައްކަތަށް ސާބަސް ދޭހާވެއެވެ. އެ ގޮތުން ވިޔަސް މި ގޮތުން ވިޔަސް އަދި މާ ދުރުން ނަމަވެސް ސުވާލުތަކަށް ޖަވާބުދެއްވައެވެ. މެނޭޖުއެބަ ކުރެވޭ ވިދާޅުވެއެވެ. މިހެން ލިޔާ ލިޔުންތަކަށް ވެސް އިންސާފު ކުރައްވައެވެ. މި ލިޔުމަށް ރަސްގެއެއް ނުދެއްވައިފިއްޔާ ކިތަންމެހާ ވެސް ހެވެވެ.

Ads by Ooredoo
  1. މުރޫ

    ޤާބިލު މިނިސްޓަރެއް ނެތުމުން ވާނެ ހައެތި މިވަނީ ވެފަ.. އެއްކަމެއް ނުވިއަސް ނަސީމަށް ސުވާލުކޮށްލާނެ މީހަކުވެސް ނެތް.. ވަރަށް ވަރަށްދައް.. ރައީސް ފެއިލް ކުރުމަށްބާ

  2. ކަނބުލޮ

    ހުރިހާކަމަކަށްކުޅަދުންވަންތަﷲ ފޮނުއްވެވިމުޞީބާތެއް އެކަލާންގެފިއްލަވައިދެއްވަވާނެއެވެ. އެކަލާންގެކިބައަށްތަޤްވާވެރިވެ އުޅުންއިސްލާހްކޮށް އެކަލާންގެއަށްއަޅުކަންކޮށް ގިނަގިނައިން ދުޢާކުރާށެވެ.

  3. ޙުސެންރަސީދު

    މަބުރުޫކު ހަމަސަާބަސް