އައްޑޫން އިތުރު 5 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ
އައްޑޫން އިތުރު 5 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 47 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ ދެމުން ދެއެވެ. މިއާ އެކު އައްޑޫ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 206 އަރައިފައެވެ.
އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 3158 ސާމްޕަލް ވަނީ ނަގައިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 536 މީހުން މިހައިތަނަށް ވަނީ ފާހަގަކުރެވިފައެވެ. މިއަދު 6:00 ހަމަޔަށް އެ ސިޓީން ނެގުނު ސާމްޕަލްތަކުގެ އަދަދަކީ 62 އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވަމުން އަންނަ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް އިތުރު 1،559 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.