ކޮވިޑް ފެސިލިޓީގައި ގިނައީ އިންޑިއާ ނަރުހުން، އިނގިރޭސި ނޭނގޭ މީހަކަށް ހިތްފަސޭހަ ތަނެއް ނޫން
މި ފަހަކަށް އައިސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ނިޔާވާ މީހުންގެ އަދަދު އަންނަނީ 100 އިން މަތިވެ 200 އާ ގާތް ވަމުންނެވެ. ބަލި ފެތުރުން ހުއްޓުވުމަށް މާލޭގައި އަޅައިފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކުރެވިފައެވެ. ކޮވިޑް ފެސިލިޓީ ތަކުން މީހުންގެ ރުއިމުގެ އަޑު ކެނޑިގެން ނުދެއެވެ.
ކޮވިޑް-19 ޖެހިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދި ފަރާތެއް ކަމަށްވާ އަލީ އާޒިމް ނަކަމަށް ކިޔާ ފަރާތަކުން ވަނީ އެތަނުގައި އޭނާގެ ތަޖުރިބާ ފޭސްބުކުގައި ހިއްސާ ކޮށްފައެވެ. ކިޔާލި ކޮންމެ މީހަކަށް ވެސް އޭނާގެ ހިތި ތަޖުރިބާ އިހުސާސް ކުރެވޭނެ ކަން ގައިމެވެ. ލޯ ކުރިމަތިން މަރަކަށް ފަހު މަރެއް ދެކި، އެ ތަޖުރިބާ އޭނާ ހިއްސާ ކޮށްފައި ވަނީ ފޭސްބުކް ޕޯސްޓެއްގައެވެ.
އޭނާގެ ފޭސްބުކް ޕޯސްޓުގައި އެތައް ވާހަކަތަކެއް ވެއެވެ. އެތައް ޝަކުވާތަކެއް ވެއެވެ. އަދި އެތައް ޖަޒުބާތުތަކެއް ވެއެވެ. ބުނެދޭން ބޭނުންވާ އެތައް ވާހަކަތަކެއް ވާކަން ކިޔާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާ އެ ޕޯސްޓުގައި ބުނެފައިވެއެވެ. "އެތަނުގައި ގިނައިން ޑިއުޓީގައި ތިއްބަވަނީ އިންޑިއާގެ ނަރުހުންނެވެ. އުމުރުން ދުވަސްވީ، އިނގިރޭސި ނުވަތަ ހިންދީ ފަދަ ބަހެއް ނުދަންނަ މީހަކަށް އެތަނުގެ މާހައުލަކީ ފަސޭހަ މާހައުލެއް ނޫނެވެ." ހަގީިގަތުގައި ވެސް އެއީ ވަރަށް ބޮޑު ތެދެކެވެ.
ފަހަކަށް އައިސް ކޮވިޑް ފެސިލިޓީގައި މީހުން ފުރި ތޮއްޖެހިފައިވާއިރު، އެފްއޭއެމް ހައުސް ބިލްޑިންގ ކަހަލަ ބޮޑެތި އިމާރާތްތައް އައު ފެސިލިޓީތަކަށް އަންނަނީ ބަދަލު ކުރެވެމުންނެވެ. ހުރިހާ ފެސިލިޓީއެއްގައި ވެސް ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. އެހީތެރިވުމަށް ނަރުހުން ތިބި ނަމަވެސް ތިބެނީ ބޭރު ނަރުހުންނެވެ. ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތަކަށް އިނގިރޭސި ބަސް ނުވަތަ ހިންދީ ބަސް ނޭނގޭނަމަ، އެ ދެމެދުގައި ބަލިމީހާއަށް ވާ އުނދަގޫ ތަކާއި ތަކްލީފުތައް ކިޔައިދޭނެ ގޮތެއް ނެތެވެ. އެ ބޭފުޅުންނަށް އުނދަގޫވާނެ ވަރު ވިސްނާލައިފި ނަމަ ކޮންމެ މީހަކަށް ވެސް އަންދާޒާ ކޮށްލެވޭނެކަން ކަށަވަރެވެ.
ލޯ ކުރިމަތީގައި ފަތިސް ނަމާދަށް ހުރި މީހަކު ނިޔާވި
އާޒިމް އޭނާގެ ފޭސްބުކް ޕޯސްޓުގައި އޭނާގެ ލޯ ކުރިމަތިން ފެނުނު މަންޒަރެއް ހިއްސާ ކޮށްފައި ވެއެވެ. އެއީ މިދިޔަ އަހަރު އޭނާ އެ ފެސިލިޓީގައި ފަރުވާ ހޯދަން އޮތްއިރު، އެ ފެސިލިޓީގައި ފަތިސްނަމާދަށް ހުރި ދުވަސްވީ ބޭބެއެއް ފަތިސް ނަމާދަށް ހުއްޓައި ނިޔާވި ގޮތުގެ ވާހަކައެވެ.
ފެސިލިޓީގައި ދުވަސްވީ ބޭބެއަށާއި ބޭބެގެ އަންހެނުންނަށް ވެސް އެނދުމަތި ކުރެވި ފަރުވާ ކުރެވެމުން ދިޔައެވެ. އަދި އެ ދެމީހުންގެ ތަރުޖަމާނެއް ގޮތުގައި އާޒިމް އެ ދެމީހުންނާއި ނަރުހުންނާ ވާހަކަ ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ. އެހެންކަމުން އެ ބޭބެގެ ގިނަ ވާހަކަތައް އޭނާއަށް އެނގެއެވެ. އޭނާ ފޭސްބުކް ޕޯސްޓުގައި އެ ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.
ގާތްގަނޑަކަށް އުމުރުން 56 އަހަރުގެ އެ ބޭބެ ދިރިއުޅުނީ ވިލިނގިލީގައެވެ. އަދި ކޮވިޑަށް ފައްސިވުމުން ފެސިލިޓީއަށް ގެންދެވުނީ އޭގެ ހަފްތާއެއް ފަހުންނެވެ. އެ ހަފްތާގައި އެ ބޭބެ ފިޓްޖެހިގެން ގޭގެ ފާހާނާ ތެރެއަށް ވެސް ވެއްޓުނެވެ. ބަލި ހާލަތު ހުރި ގޮތުން ބޭބެ ފެސިލިޓީއަށް ގެނެވުނު އިރު ވެސް ހާލު ދެރަކަމަށް އާޒިމް ބުނެފައި ވެއެވެ. ބޭބެ އެ ފެސިލިޓީއަށް ގެނެވުނުތާ ދެތިން ދުވަސް ފަހުން ނިޔާވީއެވެ.
އުމުރުން ދުވަސްވީ އެ ބޭބެ ނިޔާވީ ފަތިސް ނަމާދު ކުރުމަށް ނަމާދު ކުރާ ސަރަހައްދުގައި ހުއްޓައި ވެއްޓިގެންނެވެ. ވަގުތަކީ ފަތިސް ވަގުތުކަމަށް ވުމާއެކު އެތަނުގައި އެކަށީގެންވާ ނަރުހުން ނެތްކަމަށް އޭނާ ފާހަގަ ކުރިއެވެ. އެއަށް ފަހު މުޅި ފެސިލިޓީ ގުގުމާލީ އެ ބޭބެގެ މަރުގެ ވާހަކައިންނެވެ. ޖެހިގެން އައި ދެތިން ދުވަސް ވަންދެން އެތަނުގައި ފަރުވާ ހޯދަމުން އައި އެންމެންގެ ފަރާތުން ވެސް ފެންނަމުން ދިޔައީ ހާސް ކަމާއި ނުތަނަވަސް ކަމެވެ.
ފޭސްބުކް ޕޯސްޓު ކުރި އާޒިމް ބުނީ، އެތަނަށް އޭގެ ފަހުން އޭނާއަށް ނަމާދަށް އަރަން ނުކުރޭ ކަމަށެވެ، އަދި އިތުރު މީހުން ވެސް އެތަނަށް ނަމާދަށް އެރުން ހުއްޓައިލާ ފެސިލިޓީގެ އެހެން ދިމާލަކަށް ނަމާދަށް އެރި ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި ފާހާނައަށް ދާ ކޮންމެ ފަހަރަކު އެ ބޭބެ އޮތް އެނދު ހުރަސް ކުރަން ޖެހޭ ކަމަށާއި، އެއިން ކޮންމެ ފަހަރަކު ވެސް އެ އެނދުން އެ ބޭބެގެ ސޫރަ ފެންނަހެން ހީވާ ކަމުގައި ވެސް އޭނާ ބުންޏެވެ.
މިއީ އެ ފެސިލިޓީގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ ވިއްސަކަށް ދުވަހު ފަރުވާ ހޯދުމަށް ދިޔަ ދިވެހި ޒުވާނެއްގެ ވާހަކައެވެ. އޭނާގެ އިހުސާސްތަކެވެ. ކުރެވުނު ތަޖުރިބާއެވެ. އޭނާއަށް ފެނުނީ އެންމެ މަރެކެވެ. އެއަށް ފަހު އެތާނގެ ހާލަތާއި އޭނާގެ ހާލަތު ވަރަށް ގޯސްވި ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަފްސާނީ ގޮތުން ބިރުވެރިކަމާ ކުރިމަތިލާން ޖެހުން ކަމަށް އޭނާ ބުންޏެވެ.
މިއަދު އެތަނުގައި ފަރުވާ ހޯދާ ކިތައް މީހުން ކޮންމެ ދުވަހަކު ވެސް ނިޔާވޭތޯއެވެ. ފަހަކަށް އައިސް ފެސިލިޓީގައި ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން މަރުވާ މީހުންގެ އަދަދު ދުވާލަކު އުޅެނީ ނިސްބަތުން 5އިން މަތީގައެވެ. މިއަދު ވެސް 9 މީހަކު ހަމަ އެ ފެސިލިޓީން ނިޔާވެއްޖެއެވެ. ގާތްގާތުގައެވެ. ގިނިކަންޏާ އެތަނުގައި އޮންނައިރު ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން ތަސައްވަރު ކޮށްލާށެވެ. އެތަނުގައި ފަރުވާ ހޯދާ މީހުންތައް ރޮނީއެވެ. އާއިލާއާއެކު ހިތްހަމަ ޖެހިލައިގެން މަޖާކޮށްލެވޭނެ ދުވަހަކަށް އެމީހުން ތިބީ އިންތިޒާރުގައެވެ. މަރަކަށް ފަހު މަރެކެވެ.
މިއަދު މާލޭގައި ކޮވިޑުން ރައްކާތެރި ވުމަށް ކިތަންމެހައި ވެސް ފިޔަވަޅުތަކެއް އެޅިދާނެއެވެ. ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެވިދާނެއެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯ ލެނބުމެއް ނެތި މަގުމައްޗަށް ނިކުމެ އުޅެގެން މިކަންތައް މައިތިރި ވާނެ ކަމަށް ހީ ނުކުރާށެވެ. މިއީ އެއަށް ވުރެ މާ ބިރުވެރި ކަމެކެވެ. ވޭން ހުރި ނުރައްކާތެރި ބައްޔެކެވެ. ދުޢާއަކީ ނުރައްކާތެރި ކޮވިޑް-19 ގެ ވަބާއިން މުޅި ދުނިޔެ ސަލާމަތް ކުރައްވައި، ބައްޔަށް ފަރުވާ ހޯދަމުން އަންނަ އެންމެހާ ފަރާތްތަކަށް ވެސް ހަލި އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން!