ރިޕޯޓް

މައްސަލައަކީ ރައީސް ނަޝީދުގެ ގެކޮޅެވެ. އެމަނިކުފާނު ސެކިޔުރިޓީއަށް ނުބެއްލެވުމެވެ.

ދެން އެމްވީ ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

އަނދިރި ދައުލަތުގެ ވާހަކައަކީ ރައީސް މުޙައްމަދު ނަޝީދު ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެކެވެ. އެއީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ މަންޒަރެކެވެ. އެ މަންޒަރުގެ ތެރޭގައި ހަރުކަށި ފިކުރުގެ އާންމުންނާއި އަދި ސަރުކާރާއި ދައުލަތުގެ ތަންފީޒީ ބާރުތަކުގެ ވެރީން ހަރަކާތްތެރިވާ ތަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވައެވެ. މިއީ ބައިކުޅަ ބައެއް ނުވަތަ މުޅީން ޙަޤީޤީ ވާހަކައަކަށް ވެސް ވެދާނެއެވެ.

Ads by STELCO

ރައީސް ނަޝީދުގެ އެ ވާހަކަފުޅުގައި ޙަޤީޤަތްތަކެއް ވާކަމަށް ނަމަ ދިވެހި ދައުލަތުގެ ތެރޭގައި ވަނީ އަނދިރި ދައުލަތެއް ނޫނެވެ. ދައުލަތްތަކެކެވެ. ކީރިތި ޤުރުއާންގައި ސާފު ޞަރީޙަ ބަހުން ބަޔާން ކުރައްވައިފައި އޮތް އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ ޚިޔާލީފޮލާއެއް ކަމަށް ވިދާޅުވާ ލާދީނީ ފިިކުރިއްޔާތު ނޫނީ މުސްތަފާ އަތާތުރުކުގެ ފިކުރިއްޔާތަށް އީމާންވާ ދައުލަތެއް އަނދިރި ދައުލަތުގެ ތެރޭގައި އެބަވެއެވެ. އެ ދައުލަތް ވަނީ ވެރިކަން ހިންގުމުގެ އިދާރީ މައި އޮފީހުގައި މޫލައިފައެވެ. ގާނޫން ތަންފީޒުކުރުމުގެ އެއްބާރުގެ މައްޗަށް އަމުރު މައުރޫފް ހިންގާން ފުރުސަތު ލިބިފައެވެ.

އަނދިރި ދައުލަތްތަކުގެ މި ވާހަކަ އިހަށް ބާއްވާށެވެ. މިއަދު ސަލާމަތީ އެއްބާރާ ހަވާލާދީ މީޑިއާއިން ބުނާ އަޑު މި އިވެނީ ޒިންމާދާރުކަން ކުޑަ ވާހަކައެކެވެ. މަޖިލީހުގެ މެމްބަރުން ފާޅު ކުރެއްވީ އެކަމުގެ ކަންބޮޑުވުމެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަކީ އެ މަނިކުފާނު އަމިއްލައަށް ހޯދައިގަތްކަން އެއްޗެއްކަމަށް ސިފަވާ ގޮތަށް ދައުލަތުގެ އަސްކަރިއްޔާއިން ނުރަސްމީކޮށް ނަމަވެސް ބަސް އިއްވައި ރައީސް ނަޝީދާއި އެ މަނިކުފާނުގެ އާއިލާގެ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް އާންމު ކުރުމުގެ ފޮރުވިފައި އޮތް މަޤުޞަދަކީ ކޮބައި ހެއްޔެވެ؟

އެންމެ ބޮޑު ތްރެޓެއް އޮތް މީހާކަމަށް ވިދާޅުވި ރައީސް ނަޝީދުގެ ސެކިޔުރިޓީ ފޫދުއްވައިލައި އެމަނިކުފާނަށް އެވަރުގެ ނުރައްކާތެރި ހަމަލައެއް ކުރިމަތިވިއިރު ދައުލަތުގެ އިންޓެލިޖެންސް ޔުނިޓަކަށް އެ ހަމަލާގެ މައުލޫމާތެއް ލިބިފައެއް ނެތެވެ. ހިނގައި ދިޔައީ ނަޝީދުގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ނޫން ކަމަށް ވިދާޅުވެ ބައެއް މިނިސްޓަރުން މަސައްކަތް ކުރެއްވީ ހާދިޘާގެ ސައިޒު ކުޑަކޮށްލައްވާށެވެ. އޭގެ ފަހުން މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމަޔަށް ގެނެސްދެއްވަނީ އަދި މާ ދެރަވަރުގެ ވާހަކަތަކެކެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ހުރީ ވަރަށް ނިކަމެތި ގޮތަކަށް ކަމަށާއި އެ ގޭގައި އެ މަނިކުފާނު ދިރިއުޅުއްވީ ސަލާމަތީ ބާރުތަކުގެ ނުރުހުމުގައި ކަމަށް ބުނާ ވާހަކައެވެ. އަދި ރައީސް ނަޝީދަކީ ސެކިޔުރިޓީއަކަށް ބައްލަވާ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނަށް ހަމަލާއެއް އަމާޒުވުމުން "އަހަރެން ކުރާނެ ކަމެއް ނޫން" ކަމަށާއި އެއީ "އޭނާގެ މައްސަލައެއް" ކަމަށް ވިދާޅުވާ ވާހަކައެވެ. މި ވާހަކަތަކުން ދޭހަ ކޮށްދެނީ އެހެން ކަމެކެވެ. ސިޔާސީ ބާރު ހޯދުމާއި ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރޭގައި ޒިންމާއިން ބަރީޢަވާން މަސައްކަތް ކުރާ ކަމެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ކުރީގައި ތިބީ އެ މަނިކުފާނު ވިދާޅުވާ އަނދިރި ދައުލަތުގެ މީހުން ކަމަށް ވެދާނެއެވެ. އެ މީހުންނަށް ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެއެވެ. ނަމަވެސް އެ ދައުލަތުގެ މިފަދަ ހަރަކާތްތަކަށް ފަންޑު ކުރާ ބަޔަކާއި އެކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ރައީސް ނަޝީދުގެ އިތުރުން އާންމުން ވެސް އެނގެން ބޭނުންވާނެއެވެ. ހަމަލާގެ މައުލޫމާތު ރައްޔިތުން މަޖިލީހުގެ މެމްބަރަކު ޑިފެންސް މިނިސްޓަރަށް އެރުވުމުން ވެސް މި ހާލަތަށް ދާން ޖެހުނީ ކީއްވެގެންކަން ހޯދެން ޖެހޭނެއެވެ. އެކަންކަން ހޯދުމުގެ ބަދަލުގައި ގެ ކަމުނުދިޔުމާއި ސެކިޔުރީޓި ބޭނުން ނުވުން ފަދަ ވާހަކަތަކެއް އާންމުންގެ ސިކުނޑިއަށް ލައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނާއި ސިޔާސީ އެކުވެރީން މިއީ "އިންސައިޑް ޖޮބެއް"ކަމަށް ވިދާޅުވުމަކީ ކުރީން ދަންނަވަމުން ދިޔަ ވާހަކައަށް ލިބޭ ބާރެކެވެ. އޮތީ ހަމައެކަނި ހަރުކަށި ފިކުރުގެ ދައުލަތެއް ނޫން ކަމާއި ސިޔާސީ ބާރުވެރިކަން ހޯދަން ކޮންމެކަމެއް ވެސް ކޮށްފާނެ އެހެން މާބޮޑު ބާރެއް އޮތްކަމަށް ވިސްނާން ފުރުސަތު އެބަ ލިބެއެވެ. އެ ބާރު އަންނަނީ އަނދިރި ދައުލަތްތަކުގެ ތެރެއިން ކޮން ދައުލަތަކުންކަން ތަޙްޤީޤް ދައްކައިދޭން ޖެހޭނެއެވެ.

Ads by HDC
  1. ހޯލި

    މިއުޅޭ ޖަމީލެކޭ ނަޝީދެކޭ ތަފާތެއް ނެތެވެ. ރަގަޅު އެއްގޮތެއްވެސް އެއްކަމެއްވެސް ނޯވެއެވެ. ގަބޫލުކުރާގޮތް އެއީ ރަގަޅު ގޮތެވެ. އެހެންމީހަކަށް އެކަށްޗެއް ވެސް ނޯވެއެވެ.