ޚަބަރު

މެއި މަހު 400އާ ގާތްކުރާ އަދަދަކަށް އަހަރު ނުފުރޭ ކުދިން ކޮވިޑް-19އަށް ފައްސިވި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ނަރުހަކު ޕީޕީއީ ކިޓުގައި ތުއްތު ކުދިންތަކެއް ގާތުގައި (ރާއްޖޭގެ ފޮޓޯއެއް ނޫން)

އަހަރު ނުފުރޭ 381 ކުދިން ކޮވިޑް-19އަށް ނިމިދިޔަ މެއި މަހު ކޮވިޑަށް ފައްސިވެފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި 2021ވަނަ އަހަރު މިހާތަނަށް 5000އަށްވުރެ ގިނަ އަދަދަކަށް 10އަހަރުން ދަށުގެ ކުދިން ކޮވިޑަށް ވަނީ ފައްސިވެފައެވެ. އެގޮތުން ނިސްބަތުން ދުވަހަކަށް ފަންސާހަކަށް ކުދިން ކޮވިޑަށް ފައްސިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ މެއި މަހު 400އާ އަދަދަކަށް އަލަށް ވިހާ ކުދިންނާއި އެއް އަހަރު ނުފުރޭ ކުދިން ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިކަމުގައި ހިފެހެއްޓުމެއް ނެތް ކަމަށެވެ. އެހެންކަމުން އުޅޭ އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިނަމަ ގާތްތިމާގެ މީހުންނާއި ލޯބިވާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 65،164 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 2021 ވަނަ އަހަރު 51،407 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި ނިމިދިޔަ މެއި މަހު 34159 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.

މި ބަލީގައި ރާއްޖެއިން މިހާރު 171 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ އެއް ކުއްޖަކު ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!