ޚަބަރު

ސަރުކާރުގެ ވިސްނުމަކީ އެސްޖީން އައްޔަން ކުރުމުގައި ކައުންސިލްތަކުގެ ލަފާ ހޯދުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ ލަފާ ނުހޯދާ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެވަނީ ސަރުކާރުން ގެނައި މުހިންމު އިސްލާހަކާ އެކުގައި ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުން، ކައުންސިލްގެ ލަފާ ހޯދުން" މަބްރޫކް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދެވެ. މަބްރޫކް ވިދާޅުވީ މިއީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ބިލެއް ނޫން ކަމަށެވެ.

"މިހާރު މަޝްވަރާ ކުރެވެމުންދާ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެއް ނޫން" މަބްރޫކް ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ގިނަ އިސްލާހުތަކެއް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން އެއް އިސްލާހަކީ ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްތަކުގެ ލަފަޔާ އެކު ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާރވިސް ކޮމިޝަނުން ކަމަށެވެ. އެ އިސްލާހުގައި ވަނީ ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ކަމަށް އޮތް ބައި އުނި ކޮށްފައެވެ.

މި ބިލަށް ތާއީދު ނުކުރައްވާނޭ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!