ރިޕޯޓް

"ފެންނަ ފެނުމަށް އަހަރެމެން ވަރަށް އުފާވެރި ، ނަމަވެސް އަހަރެމެންގެ ހިތްތައް ވަނީ ކުދިކުދި ވެފައި"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

"އަހަރެން އަހަރެންގެ ގައުމުގެ މީހުން ސަލާމަތް ކުރުމަށް ކޮންމެ ކަމެއް ވެސް ކޮށްފާނަން. އެކަމު އަހަންނަށް އެންމެ 10 އަހަރު. ކުރަންވީ ކީއްކަމެއް ވެސް ނޭނގެ" ޣައްޒާއަށް އުފަން އުމުރުން އެންމެ 10 އަހަރުގެ ނަނާ އަބްދުއްލަތީފް ގިސްލެވޭ ހާލު ކިޔައިދެމުން ދިޔައެވެ.

Ads by STELCO

"އޭޖޭ ޕްލަސް" ނަކަމަށް ކިޔާ އޮންލައިން ޓުވިޓާ ޗެނަލަކުން ނަނާގެ ދިރިއުޅުމާ ބެހޭ ގޮތުން ކުރު ވީޑިއޯ ރިޕޯޓުކޮޅެއް ތައްޔާރު ކޮށްފައިވާތީ ދުށީމެވެ. އެ ވީޑިއޯ ކޮޅުގައި އޭނާގެ އެއް ދުވަސް ހޭދަ ކުރާ ގޮތް އޭނާ ދައްކާލައެވެ. ނަނާގެ އިތުރުން އޭނާގެ މަންމަ ވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ. ދެމައިން ބުނެދެމުން ގެންދިޔަ ހުރިހާ ވާހަކަތަކަކީ ވެސް އަޑު އިވޭ ވާހަކަ ތަކެކެވެ. އެހެންނަމަވެސް އެކަން ތަޖުރިބާކޮށް އެ ދެމައިން ކިޔައިދެމުން ގެންދިޔަ ވާހަކަ އަޑު އަހައިލި ކޮންމެ މީހެއްގެ ގައިން ވެސް ހީބިހި ނަގައިިގެން ދާނެކަން ޔަގީނެވެ.

ނަނާ އޭނަގެ ދުވަސް ހޭދަ ކުރަނީ އަވަށު ކުޑަކުދިންނާއި އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއާ އެކު ހިތްހަމަ ޖެހޭ ވަގުތުތަކެއް ހޭދަ ކުރަމުންނެވެ. އެގޮތުން ދެބެއިން ވެގެން ޕިއްޒާ ތައްޔާރުކުރާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ. އަދި މިހުރިހާ މަންޒަރުތަކަކީ ވެސް އޭނާގެ ޔޫޓިއުބް ޗެނަލް ކަމަށްވާ "ނެދިން އަބްދުއްލަތީފް"އަށް ލުމަށް ތައްޔާރު ކުރެވުނު ވީޑިއޯތަކެވެ. ޔޫޓިއުބް ޗެނަލްއެއް ތައްޔާރުކޮށް އެއަށް ވީޑިއޯ އެޅުމަކީ ނަނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އެހެންކަމުން ނަނާގެ ހިތްވަރާއި ކެރުންތެރިކަމުގެ ސަބަބުން އޭނާއަކީ ޢައްޒާގެ ކުޑަކުދިންގެ އަޑު ކަމުގައި އެ އަވަށު މީހުން ސިފަ ކުރިއެވެ.

"އަހަރެމެންނަށް އިވެނި ބާރުގަދަ ބޮންތަކާއި މިސައިލްތައް ގޮއްވާ އަޑު. އެހެންވެ ވަރަށް ބިރު ގަނޭ" ނަނާ އޭޖޭ ޕްލަސްއަށް އިންޓަރވިއު ދެމުން ބުންޏެވެ. އޭނާ ބުނީ ނިދަން އޮށޯންނަ ކޮންމެ ރެއަކު ވެސް އެ ބިރު ހިތުގައި އޮންނަ ކަމަށެވެ. ކުއްލިއަކަށް ބޮމެއް ގޮއްވައިލައި ނުވަތަ މިސައިލެއް ގޮއްވައިލައި އަޑު އިވިދާނެ ކަމަށާއި، ވަގުތުން ކޮއްކޮ ގޮވައިގެން ދާނީ މަންމަ ގާތަށް ކަމަށެވެ. އަދި މަންމަ ގާތުގައި އޮތުމުން ހިމާޔަތާއި ސަލާމަތްތެރިކަމުގެ އިހުސާސް ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އަހަރެން ފެންނަ ފެނުމަށް ވަރަށް އުފާވެރި، އެކަމު އެތެރެއިން އެއްކޮށް ކުދިކުދި. އެތައް މިލިއަން އެތިކޮޅަކަށް ފުނޑުފުނޑު ވެފަ. އަހަރެންނަށް އަހަރެން ގައުމުގެ މީހުންނާއި ކުޑަކުދިން ރޯ މަންޒަރާއި އެމީހުން އެހައި ވޭނުގައި މަރުވާ ތަން ބަލާކަށް ކެތެއް ނުވާނެ.

ނަނާ

ނަނާގެ މަންމަ، ސަނާ އަބްދުއްލަތީފް ބުނީ ދެ ދަރިން ނިދާނީ އެއް ކޮޓަރިއެއްގައި ކަމަށާއި ބޮން ގޮއްވާ އަޑު އިވުމުން ދުވެފައި އައިސް އޭނާ ގާތުގައި އޮވެ ނިދާނެ ކަމަށެވެ. "އަހަރެން އަހަރެންގެ ދަރިންނަށް ކޮން ހިމާޔަތެއް ދެވޭނީ، ބޮން އަޅާ އިރަށް އަހަރެން ވެސް މަރުވާނެ" ސަނާ ނުހަނު އަސަރާ އެކު ކިޔައިދިނެވެ.

ނަނާ ވަނީ އޭނާގެ ހިތުގައި އުފެދިފައިވާ އެތައް ޝަކުވާތަކެއް ވީޑިއޯގެ ޒަރިއްޔާއިން އެތައް މިލިއަން މީހުންނާ ހަމައަށް ފޯރުކޮށްދީފައެވެ. "މައުސޫމް އެތައް ކުޑަކުދިންނެއް އެ މަރަނީ އެއްވެސް ކުށަކާ ނުލައި، އަހަރެން ބޭނުން އެމީހުންނަށް އެހީތެރިވާން. އަހަރެންގެ ލަގޮނޑިއަށް މިފަދަ މަންޒަރު ބަލަން ކެތެއް ނުވާނެ" ނަނާ އޭނަގެ ވީޑިއޯއެއްގައި ރޮއެ ގިސްލެވޭ ހާލު ބުނަމުން ދިޔައެވެ. އޭނާ ބުނަމުން ގެންދިޔައީ ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކުރަން ހުރީ ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް އޭނާގެ އުމުރަކީ އެންމެ 10 އަހަރު ކަމުން ކުރަންވީ ވަކި ކޮން ކަމެއް ކަން ނޭނގޭ ކަމަށެވެ.

ޢައްޒާގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ޝަހީދުވެދެއެވެ. އެތައް ފުރާނައެއް ނެތި ދެއެވެ. އެތައް މައިންނެއް ހުވަފެތްވާއިރު އެތައް ދަރިންނެއް އަންނަނީ ނިކަމެތިވެ ޔަތީމު ވަމުންނެވެ. އެހީތެރި ކަމަށް އެދި ރޯ ރުއިމުގެ އަޑުން މުޅި ޣައްޒާ ގުގުމަނީއެވެ. މާތްﷲ އެ ހުރިހާ އެންމެންނަށް ރައްކާތެރިކަން ދެއްވާށިއެވެ. އާމީން!

  1. ަހސުހ

    ވަރަށް ލޯބި ކުއްޖެއް މިކަހަލަ ވަރަށް ގިނަ ލޯބި ކުދިން އުލޭ ފަލަސްތީނުގައް