ދުނިޔެ

ފޭރު ފަތަކީ ކޮވިޑްގެ ފަރުވާއެއް ކަމަށް ބުނި ނޭޕާލްގެ ބޮޑު ވަޒީރު ވެކްސިނަށް ސަލާން ޖަހަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ނޭޕާލުގައި ކޮވިޑް-19 ޖެހޭ މީހުންގެ ވަރަށް ބޮޑަށް އިތުރުވެ، ވެކްސިން ހޯދުމަށް ނޭޕާލުގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޮލީ މަސައްކަތްޕުޅު ފައްޓަވައިފިއެވެ.

Ads by Sosun Fihaara

ނޭޕާލުން ވެސް އިންޑިއާ ވޭރިއަންޓް ފެނި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން އެޤައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 9،000އާ ގާތް ކުރެއެވެ. މިދިޔަ މަހު އެކަނި ވެސް އެ ޤައުމުން ކޮވިޑް-19 ޖެހިގެން 4،000 މީހުން ވަނީ މަރުވެފައެވެ.

ނޭޕާލުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ހޮސްޕިޓަލްތައް ވަނީ ފުރެން ފަށައިފައެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ ވެރިރަށް ކަޑަމަންޑުއަށެވެ. އެހެން ނަމަވެސް މި ވައިރަސް މަޑުމަޑުން އިތުރު ހިސާބުތަކަށް ވެސް ދަނީ ފެތުރެމުންނެވެ.

ބޮޑު ވަޒީރު ޝަރްމާ ބީބީސީއަށް މަޢުލޫމާތު ދެމުން ވިދާޅުވެފައި ވަނީ، ވެކްސިން ހޯދުމަށް އިނގިރޭސި ވިލާތުން އެހީއަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ދެ ޤައުމުގެ ތާރީޚަށް ބަލައި އިނގިރޭސިވިލާތުން ނޭޕާލަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރު ފެށުނުއިރު ނޭޕާލްގައި ކޮވިޑް-19އަށް ފައްސިވަމުން އައީ މަދު ބައެކެވެ. މިގޮތުން އެވްރެޖްކޮށް 100 މީހުން ކޮވިޑް-19އަށް ފައްސިވަމުން އައި ނަމަވެސް މެއި މަހަށް އައިއިރު، 9،000 މީހުން ދުވާލެއްގެ މައްޗަށް ފައްސިވާން ފެށިއެވެ. އެޤައުމު ލޮކްޑައުންކޮށްފައި ވަނީ އޭޕްރިލް މަހުގައެވެ. އެހެން ނަމަވެސް ލޮކްޑައުން ކުރީ ވައިރަސް ފެތުރެން ވަގުތު ދިނުމަށް ފަހުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ،

ނޭޕާލްގެ 30 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ވެކްސިން ދެވިފައި ވަނީ އެންމެ 3 އިންސަައްތަ މީހުންނަށެވެ. މީގެ ކުރިން ނޭޕާލްގެ ބޮޑު ވަޒީރު ވަނީ ނޭޕާލް މީހުންނަށް އެމީހުން ކާ ޑައިޓްގެ ސަބަބުން ކޮވިޑް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ފޭރު ތޮށި އަދި ރީނދޫ ގައިގައި ހާކާނަމަ ކޮވިޑް-19އިން ސަލާމަތް ވާނެކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ އިތުބާރު ނެތް ކަމަށް ދާދި ފަހުން އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ވަނީ ނިންމައިފައެވެ.ނަމަވެސް އާ ސަރުކާރެއް އުފެއްދުމަށް އިދިކޮޅަށް ދިން ތިން ދުވަހުގެ ފުރުސަތުގައި އެކަން ނާކާމިޔާބުވުމުން ބޮޑުވަޒީރު އޮލީ ވަނީ މެއި 15ގައި އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ. ނޭޕާލްގެ ބަރުލަމާނީ ގަވާއިދުތައް ބުނާ ގޮތުން ޖޫން15ގެ ކުރީން ޕާލިމެންޓްގެ ރުހުން ބޮޑުވަޒީރު ހޯއްދަވަން ޖެހޭނެއެވެ. އެކަން ވެސް ނާކާމިޔާބު ވެއްޖެނަމަ ޕާލިމަންޓް އުވައިލުމުގެ ބާރު ގައުމުގެ ރައީސަށް ލިބިގެންވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!