ފުޓްބޯޅަ

މިއީ ރާއްޖެއަށް ވަރަށް މުހިންމު މެޗެއް، ސަޕޯޓަރުންގެ އެއްބާރުލުމާ އެކު މޮޅުވެވޭނެ: ދަގަނޑޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވޯލްޑްކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް މިރޭ 8:00ގައި ނުކުންނަ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި ސަޕޯޓަރުންގެ އެއްބާރުލުމާ އެކު އެ މެޗުން މޮޅުވެވޭނެ ކަމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ތަރި ޢަލީ އަޝްފާޤް (ދަގަނޑޭ) ބުނެފިއެވެ.

Ads by Hajj Corporation

ދުބާއީގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް އޭ ގައި ރާއްޖެ ވަނީ މިހާތަނަށް މި މަހުގައި ދެ މެޗެއް ކުޅެފައެވެ. އެއީ މި މަހު ހަތަރު ވަނަ ދުވަހު 4-0 އިން ސީރިއާ އަތުން ބަލިވި މެޗާއި 11 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވި މެޗެވެ.

މުބާރާތަށް ފަރިތަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެ އެކަހެރިވާން ޖެހުމުގެ ސަބަބުން ދަގަނޑޭއަށް ވަނީ ސީރިއާ އާއެކު ކުޅުނު މެޗު ގެއްލިފައެވެ. އަދި ކޮވިޑުން ރަނގަޅުވެ، ދަގަނޑޭ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗައިނާއާ ދެކޮޅަށް ކުޅެފައެވެ.

"މިރޭއަކީ ވަރަށް މުހިއްމު މެޗެއް ދިވެހި ފުޓްބޯޅައަށް ވެސް. އިރާދަކުރެއްވިއްޔާ މިރޭގެ މެޗު ކާމިޔާބު ކޮށްގެން ފައިބާނީ. ސަޕޯޓަރުންނަށް ދޭން އޮތް މެސެޖަކީ މިހާރު ވެސް ދެމުން އަންނަ ތަރުހީބު ދޭށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަމޭ،" މެޗުގެ ކުރިން ދަގަނޑޭ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުން މިހާތަނަށް ވަނީ ފިލިޕީންސާ ދެކޮޅަށް ހަތަރު މެޗު ކުޅެ އެއް މެޗުން މޮޅުވެފައެވެ. އެގޮތުން ރާއްޖެ މޮޅުވީ 2009 ވަނަ އަހަރު ފިލިޕީންސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 3-2 އިންނެވެ. އޭގެ ފަހުން އޭއެފްސީ ޗެލެންޖް ކަޕްގައި 2014 ވަނަ އަހަރު 3-2 އިން ރާއްޖެ ބަލިވިއެވެ. އަދި 2015 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުން 2-0 އިން ފިލިޕީންސް މޮޅުވިއިރު، މީގެ ދެ އަހަރު ކުރިން މި ފަހަރުގެ ކޮލިފައިންގައި ކުޅުނު މެޗުން 2-1 އިން އެ ޤައުމުން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!