ޚަބަރު

މާވަަށުން 13 މީހުން، މާބައިދޫއިން އެކަކު ފައްސި ވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ލ. މާވަަށުން 13 މީހުންނާއި މާބައިދޫއިން އެކަކު ކޮވިޑް19 އަށް ފައްސިވެ، އެ އަތޮޅުން ކޮވިޑް19އަށް ފައްސިވީ މީހުންގެ ޖުމްލަ 1361އަށް އަރައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލު (ޖީއާރްއެޗް)އިން މިއަދު އާއްމުކުރި އަދާހަމަތަކުން ދައްކައި ގޮތުގައި މިއަދު އެ އަތޮޅުން ޖުމްލަ 14 މީހަކު ބައްޔަށް ފައްސިވެފައިވެއެވެ. އަދި ބަލި ޖެހުނު 1168 މީހުން އެ އަތޮޅުން ވަނީ ރަނގަޅުވެފައެވެ.

ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ ލާމު އަތޮޅުގައި ކޮވިޑް-19 ޖެހިފައި ތިބި 187 މީހުން މިހާރު ވެސް ތިބި އިރު ހަރަކާތްތެރި ވޭދަނަތައް އެންމެ ގިނައީ މާވަށުގައެވެ. މާވަށުގައި ޖުމްލަ 62 މީހުންނަށް މިހާރުވެސް މި ބަލިޖެހިފައި ތިބި އިރު އެންމެ މަދުން މީހުން ތިބި ރަށްރަށަކީ މާމެންދޫއާއި މާބައިދޫއެވެ. އެއީ މާމެންދޫގެ އެކަކާއި މާބައިދޫގައި 3 މީހުންނެވެ. މީގެ އިތުރުން ގަމުގައި 33 މީހުން، އިސްދޫގައި 45 މީހުން، ކަޅައިދޫގައި 30 މީހުން، ފޮނަދޫގައި 6 މީހުން އަދި ހިތަދޫގައި 7 މީހުން މިހާރު ބަލިޖެހިފައި އެބަތިއްބެވެ.

ކޮވިޑް19ގެ ލާމު އަތޮޅުން ފެނުނުފަހުން މިހާތަނަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ 8062 ސާމްޕަލް ނަގައިފައެވެ. މީގެ ތެރެއިން އެންމެ ގިނަ ސާމްޕަލް ނަގައިފައި ވަނީ ލ. ގަމުންނެވެ. އެއީ 2978 ސާމްޕަލެވެ.

ކޮވިޑް19 ޖެހިގެން ލާމު އަތޮޅުން ޖުމްލަ 6 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. އަދި އެއަތޮޅު މާންދޫ، ދަނބިދޫ އަދި ކުނަހަންދޫގައި މިވަގުތު ކޮވިޑް 19ގެ އެއްވެސް ވޭދަނައެއް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!