ޚަބަރު

24 ގަޑިއިރުގެތެރޭގައި 4 ލައްކަވުރެ ގިނަ މީހުން ޙައްޖުވާން ރަޖިސްޓްރީކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ޙައްޖަށް ރަޖިސްޓްރީވުމަށް ހުޅުވައިލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 4 ލައްކަ 50 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

Ads by MWSC

ޙައްޖުގެ އަޅުކަން ކުރުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދެވޭނެ މީހުންގެ ޝަރުތުތައް އާންމުކޮށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ހާމަ ކުރައްވައިފައިވާ ގޮތުގައި މިއަހަރު ހައްޖުވާން އެދޭ ހައްޖާޖީންނަކީ ދާއިމީ ބައްޔެއް ނެތް މީހަކަށް ވާން ޖެހޭނެއެވެ. އަދި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވުން ނުވަތަ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ މީހަކަށް ވާން ޖެހެއެވެ.

މީގެ އިތުރުން ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖެއް ވެފައި ނުވާ، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ސައުދީގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތަކަށް ވުން ނުވަތަ ސައުދީގައި ދިރިއުޅެމުންދާ އެހެން ގައުމެއްގެ ރަށްވެއްސަކަށް ވުން ވެސް މިއަހަރު ހައްޖުވާ ހައްޖާޖީންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި، އެންމެ ޚާއްޞަ އެއް ކަމަކީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދޭ ހުރިހާ އަންހެނުންނަށް، މަހްރަމަކާ ނުލައި، އެހެން އަންހެން ހާޖީންނާ އެކު، ދިޔުމުގެ ފުރުސަތު ސައުދީން ދީފައިވާކަމެވެ. މިއާ އެކު ހުރިހާ އަންހެން ހައްޖާޖީންނަށް މަހްރަމެއް ނެތި މިއަހަރު ހައްޖުވެވޭނެއެވެ. މީގެ ކުރިންވެސް 40 އަހަރުން މަތީގެ އަންހެން ހައްޖާޖީންނަށް މަހްރަމަކާ ނުލައި ހައްޖުވެވެއެވެ.

ހައްޖުވުމަށް ހައްޖާޖީން ރަޖިސްޓްރީވާން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީވުން މިހާރު ވަނީ ހުޅުވައިލައިފައެވެ. މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ 60 ހާސް ހައްޖާޖީންނަށެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ޝަރުތު ހަމަވާ ވަކި އަދަދެއްގެ މީހުންނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!