ޚަބަރު

ކޮލަމާފުށީގައި ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކޮލަމާފުށީގައި ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

Ads by STELCO

ކޮލަމާފުށި ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގއ ކޫއްޑޫ، ރަންދީ - 26ގެ ކޮވިޑް ކޭސްއާ ގުޅިގެން ގއ ކޮލަމާފުށިން މީހަކު ފައްސިވެ ރަށް މޮނީޓަރިންއަށް ލާފައިވާތީ، ކޮވިޑާ ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް، މޮނީޓަރިން އުވާލަންދެން އިތުރަށް ވަރުގަދަ ކުރުމަށް، މިއަދު ބޭއްވި ޓާސްކްފޯހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަަށެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމާއި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމާއި އެއްފަހަރާ 3 (ތިނެއް) މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމުގެ އިތުރުން މަދަރުސާއަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ.

އަދި ބޯކޮށާތަންތަން ބަންދުކުރުމާއި ޖިމްތަކާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވެސް ކޮލަމާފުށި ކައުންސިލުން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތައް އަދި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމާއި މީހުން އެއްތަނަކަށް އެއްކޮށްގެން ބާއްވާ ބައްދަލުވުންތައް ކޮންމެހެން ބާއްވަން ޖެހިއްޖެ ކަމުގައި މެނުވީ ނުބޭއްވުމާއި މިސްކިތްތަކުގެ ވުޟޫކުރާބައި ބަންދުކޮށް، ގެއިން ވުޟޫކޮށްގެން އަމިއްލަ މުސައްލައެއް ހިފައިގެން މިސްކިތަށް ދިޔުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކޮލަމާފުށީ ކައުންސިލުން ވަނީ މިޙައްޞާސް ދަނޑިވަޅުގައި މި ކަންތައްތަކަށް ސަމާލުކަންދީގެން ޢަމަލުކުރުމަށް އާންމުންނަށް އަންގަވައިފައެވެ. އަދި މިހާލަތުގައި ޓާސްކުފޯހުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ދިމާވާ ދަތިތަކާ އެކު، ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުން އެދިފައި ވެއެވެ.

  1. ޒުރުއަތު

    ވަރަށް ރަނގަޅު ނިންމުމެއް.މިކަން ކޮންޓުރޯލް ކުރެވޭނީ ދުރާލާ ފިޔަވަޅު ވަރުގަދަކޮަށްގެން.ތިނަދޫ ކައުންސިލަށް މި ޚަބަރު ފެންނާނެކަމަށް އުއްމީދު ކުރަން.