ގާނޫނުލް އުގޫބާތަށް ހުށައަޅައިފައިވާ "ނަފްރަތު"ގެ ބިލްގެ އިބާރާތް ބަދަލު ކުރައްވާ: ނަސީމް

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި އިސްލާހުގެ އިބާރާތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ގޮވާލައްވައިފިއެވެ.
"ނަފްރަތު"ގެ ބިލާ ދެކޮޅަށް ތުލުސްދޫ ކައުންސިލުން ނެެރެފައިވާ ނޫސްބަޔާން ހިމަނުއްވައި ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ ބަސް އިއްވައިފި ކަމަށާއި ސަރުކާރުން އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ނަފުރަތު އުފެއްދުން ހުއްޓުވަން ޖެހޭ ކަމަށާއި އެއިސްލާހު މިހާރު އޮތް ގޮތުން އެ އިސްލާހުގެ މަގުސަދު ހާސިލު ނުވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
"ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ ބަސް އިއްވައިފި! ސަރުކާރުން އަޑުއަހަން އެބަޖެހޭ! ގޮތް ދޫކުރައްވައި ހުށަހަޅާފައިވާ އިސްލާހުގެ އިބާރާތް ބަދަލުކުރުމަށް ގޮވައިލަން! ނަފުރަތު އުފެއްދުން ހުއްޓުވަން ޖެހޭ، މިހާރު އޮތްގޮތުން މަގުސަދު ހާސިލެއް ނުވާނެ!" މެމްބަރު ނަސީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ގިނަަ ކައުންސިލްތަކަކުން ދަނީ ބަޔާން ނެރެމުންނެވެ. އަދި މިބިލާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ.