ނަފުރަތުގެ ބިލް އަނބުރައި ނެންގެވުމަށް 101 އިލްމުވެރިންގެ ސޮޔާއެކު ޕެޓިޝަނެއް

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލް އަނބުރާ ނެންގެވުމަށް އެދި 101 އިލްމްވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ޕެޓިޝަނެއް ހުށައަޅައިިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން، މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި، އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވައިލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ޢާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަމަށް މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.
ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މި ވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތް ކަމަށާއި އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަމަށް ވެސް އިލްމްވެރިންގެ ޕެޓިޝަނުގައި ބުނެފައިވެއެވެ.
"ވީމާ، މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަމެވެ." ޕެޓިޝަނުގައި ބުނެފައިވެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ގިނަަ ކައުންސިލްތަކަކުން ދަނީ ބަޔާން ނެރެމުންނެވެ. އަދި މިބިލާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ.





ކޮމެންޓް