ރިޕޯޓް

އެމްޑީޕީއަށް 16 އަހަރު، ރައީސް ނަޝީދު ނޫން ގޮތެއް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ސިޔާސީ ފުރަތަމަ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ، އެމްޑީޕީއަކީ ވިސްނުމެކެވެ. ވަކި ފިކުރެކެވެ. އެ ޕާޓީން ވަކާލާތު ކުރަމުން ގެންދިޔައީ ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލީހާއި އަދި ވެރިކަން ކުރުމުގެ ބާރު ، ވަކިވަކީން ވީއްލިފައި އޮންނަން ޖެހޭ ކަމެވެ. ކޮރަޕްޝަންގެ މައްސަލަތަކާއި އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ބެލޭނެ މިނިވަން، ފުރިހަމަ އިންތިޒާމެއް އޮންނަން ޖެހޭނެ ކަމެވެ.

މި ވިސްނުންތަކާ އެކު އެމްޑީޕީން ރައްޔިތުންނަށް ހުށަހެޅީ ވެރިކަމަކީ މީހަކަށް ލިޔުއްވައިފައި އޮންނާން ޖެހޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. ގައުމުގެ ރައީސަކަށް އަންނަ މީހަކަށް 5 އަހަރުގެ ދެ ދައުރު ދިނުން އެއީ ޙައްޤު މިންވަރު ކަމާއި ދެން އޭނާ ވީ އިޖުތިމާޢީ ޙަރަކާތްތަކުގައި އުޅުއްވަން ކަމަށް ބުނެ އެމްޑީޕީ އިސްވެ އެ ފަދަ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތް ވެސް ވަނީ ތަނަވަސްކޮށްފައެވެ. ދިގު ވެރިކަންތަކުގެ ފަލްސަފާގެ މިސްރާބަކަށް ވަނީ އަނިޔާވެރިކަމާއި ޚުދުމުޚުތާޜުވެރިކަން ކަމަށް ރައްޔިތުންނަށް ތިލަކޮށް އެމްޑީޕީ ވަނީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމައިފައެވެ. ދިގު ވެރިކަންތަކަށް އެމްޑީޕީން ވަނީ ހޯހޯ ބުނެފައެވެ.

މިއަދު މިއީ އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެމްޑީޕީގެ ކުޑަބޮޑު އެންމެހައި ރައްޔިތުންނަށް ފޮނުވަމެވެ.

އެމްޑީޕީގެ 16 އަހަރުވީ ޙަޔާތުގައި އެ ޕާޓީ ވަނީ ކަޅާއި ހުދުގެ ދުވަސްތަކެއް ގުނައިފައެވެ. އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ދައުރުގެ މެދުތެރެއިންނެވެ. އަމިއްލައަށް އިސްތިޢުފާ ދެއްވައިގެންނެވެ. އޭގެ ފަހުންނާއި ކުރީން ވެސް ޕާޓީގެ ލީޑަރޝިޕަށް ވަޑައިގަންނަވާ އެންމެހައި މީހުން ރީތިކޮށާއި ހަޑިކޮށް ، ރައީސް ނަޝީދު ގެންދެވީ އެއް ފަރާތް ކުރައްވަމުންނެވެ. އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލްގެ ގެކޮޅަށް ކަޅުތެޔޮ ޖަހައި ، ލިފްޓުން ކަރަންޓް ކަނޑައިލައި ، ޑރ.ޑީޑީ ވާހަކަ ދައްކަވަނިކޮށް މައިކް ކަނޑައިލެއްވުން ފަދަ ތަފްސީލްތަކުގެ ބޭނުމެއް ނެތެވެ. ހަމައެހެންމެ މުޙައްމަދު ޝިހާބު ، ރައީސް މައުމޫނާ އެކު ޢީދު ސަލާމް ކުރެއްވި ފޮޓޯ މިނިވަން ނޫހަށް އަރުވައި "ވެނު މަސް ވެނަށް ކާންދީފި"ކަމަށް ބުނެ މުޙައްމަދު ޝިހާބު ހަވަރަށް ދިން ވާހަކައަކީ ވެސް ތަފްސީލެއް ބޭނުންވާނެ ވާހަކައެއް ނޫނެވެ.

ދައުރުގެ މެދު ތެރެއިން ވެރިކަން ވެއްޓުމުން ރައީސް ނަޝީދުގެ ޙައްޤުގައި މަގުމައްޗާއި އުސްފަސްގަނޑުގައި ވަކި ސަރުކާރާއި ވަކި ކޯޓްތަކެއް ހައްދަވައިގެން އުޅުއްވީ މާރިޔާ ދީދީއާއި ރީކޯ މޫސާ މަނިކާއި ޢަލީ ވަޙީދު އަދި އަލްހާން ފަހުމީ ފަދަ ބޭފުޅުންނެވެ. އާޚިރުގައި އޭގެ ތެރެއިން ވެސް ގިނަ ބޭފުޅުންނަށް ޖެހުނީ ލީޑަރޝިޕާ ދުރުވާށެވެ. ޕާޓީއާ ފެޔަށް ޖެހޭށެވެ.

ދެން އައި ރިޔާސީ އިންތިޚާބުގައި 2013 ވަނަ އަހަރު ވެސް އެމްޑީޕީން ދެއްކީ ރައީސް ނަޝީދެވެ. ޖޯޝާއި ފޯރީގައި ރީދޫ ލަޝްކަރު "އެއްބުރުން" ނިންމަން ނުކުތް ނަމަވެސް އިންތިޚާބުގެ އެތައް ބުރަކަށް ފަހު ވީ ފޭއްޔެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިޤްރާރުވި ނަމަވެސް ގާނޫނީ ގޮޅިއެއްގައި ބެދިފައި ހުރުމުން އެ ޖާގަ ދޭން ޖެހުނީ އެންމެ އިތުބާރު ކުރާ ، އެންމެ ވަފާތެރި އިބްރާހީމް މުޙައްމަދު ޞާލިހަށެވެ.

16 އަހަރުގެ ތާރީޚުން މިއަދު އެތައް ފިލާވަޅުތަކެއް ލިބެއެވެ. ދިގުވެރިކަންތަކަށް އިންކާރު ކުރެއްވި ނަމަވެސް އާރާއި ބާރަކީ ޚުދު ރައީސް ނަޝީދު ވެސް ދޫކޮށްލައްވަން ބޭނުންފުޅުވާ ކަމެއް ނޫންކަން ސާފެވެ. މީނާ މިއީ ޕާޓީގެ އެންމެ އުހަށް ހިނގައިދާނޭ މީހެއް ކަމަށް ބެލެވުނީމާ ދެން އެ ވީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެމީހެއް ބާކީ ކޮށްލަންކަން ފެންނާން އެބައޮތެވެ. މިއީ އެ ޕާޓީން ފެންނަ ހުތުރު ޙަޤީޤަތެވެ.

ހިތާއި ހިތުމުގެ ގުޅުމުގެ 16 ވަނަ އަހަރުގައި ފެނިގެންދާ އަނެއް ކަމަކީ އާރާއި ބާރުގައި އެ ޕާޓީއަށް ލިބިފައި އޮތް ކެއްސެވެ. ލިބިފައިވާ ނިކަމެތިކަމެވެ. ވެރިކަމާއި ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުން ކޮންޓްރޯލް ކުރައްވާ ޖުޑިޝަރީ އެމްޑީޕީއަށް ހިތަކަށް ލިބިފައި އޮތް އިރު އެ ޕާޓީ ވަނީ ރޫޅިފައެވެ. ބައިބައިވެފައެވެ. ކޯޅުންގަނޑަކަށް ވެފައެވެ. އާރާއި ބާރުގެ ދިދަ އުފުއްލަވައިގެން ޖަޑިބުން ތިއްބެވި މި ހަނގުރާމަ އަދި އޮތީ ކުރިއަށެވެ.

  1. ކިޔާ މީހާ

    ތަނަވަސް ލިޔުމެއް

  2. ފާތް

    ހިތި ހަގީގަތް.