ކުޅިވަރު

ޔޫރޯ 2020: އިޓަލީއާއި ޑެންމާކު ކުއާޓާ ފައިނަލަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
{"uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1624762122999","source":"other","origin":"unknown"}

ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ޑެންމާކާއި އިޓަލީން ކަށަވަރު ކޮށްފިއެވެެ.

Ads by STELCO

ރޭ ރާއްޖެ ގަޑިން 9ޖަހާއިރު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު ވާދަކުރި ޑެންމާކު ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައެވެ. މިއީ 2004ގެ ފަހުން އެ ޓީމު ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޑެންމާކުން ވޭލްސް ބަލިކުރީ 0-4ގެ ނަތީޖާއަކުންނެވެ.

ޑެންމާކުން ލީޑު ނެގީ މެޗުގެ 27ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެސްޕާ ޑޯލްބާއެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ޑެންމާކުގެ ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާއެވެ.

މެޗުގައި ޑެންމާކުން ޖެހި ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 88ވަނަ މިނެޓުގައި މަތިއަސް ޖެންސެންއެވެ. އެ ޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ މާޓީން ބުރެތުވެއިޓެވެ.

އިޓަލީ ކުއާޓާއަށް ރެކޯޑަކާ އެކު!

ރޭ ރާއްޖެ ގަޑިން މެންދަމު 12 ޖެހިއިރު އިޓަލީއާއި އޮސްޓްރިއާ ބައްދަލު ކުރި މެޗު އިތުރު ވަގުތުގައި ކުޅެގެން 2-1ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އިޓަލީއެވެ.

މި މެޗުގައި އިޓަލީން ވަނީ އެ ގައުމުގެ ފުޓުބޯޅައިގެ އައު ރިކޯޑެއް ހަދައިފައެވެ. އެގޮތުން މިއީ އިޓަލީ ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އިޓަލީ މީގެ ކުރިން ކުޅުނު 31 މެޗުން ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް 11 މެޗަށް ފަހު ރޭ އިޓަލީ ކޮޅަށް ގޯލެއް ވަދެ އެމީހުން ހިފަހައްޓަމުން އައި ކްލީން ޝީޓް ވަނީ ގެއްލިފައެވެ.

ޔޫރޯ2020ގެ ފޭވަރިޓުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ އިޓަލީން މި މެޗުގައި ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އޮސްޓްރީއާއިން ވެސް ދިޔައީ މެޗުގައި ތަފާތު ދައްކައި އިޓަލީ ކޮންޓްރޯލް ކޮށްގެން ކުޅެމުންނެވެ.

މެޗުގައި ވާދަވެރި ކުޅުމެއް ފެނުނު އިރު މެޗުގެ 67ވަނަ މިނެޓުގައި އޮސްޓްރިއާ ޓީމުން ވަނީ ލަނޑެއް ޖަހައިފައެވެ. ނަމަވެސް މާކޯ އަނައުޓޮވިޗް ޖެހި މި ގޯލު ރެފްރީ ވަނީ ވީއޭއާރު ބަލައި އޮފްސައިޑް ގޯލެއް ކަމުގައި ކަނޑައަޅައިފިއެވެ.

މެޗުގެ 90 މިނެޓު ހަމަވި އިރު ވެސް ދެޓީމުންކުރެ އެއްޓީމަކަށް ވެސް ގޯލެއް ޖެހިފައި ނުވާތީ މެޗުގައި އިތުރު ވަގުތު ކުޅެން ޖެހުނެވެ. މެޗުގައި ޖެހި 3 ގޯލު ވެސް ފެނުނީ އިތުރު ވަގުތުގައެވެ.

އެންމެ ފުރަތަމަ އިޓަލީން މެޗުގައި ލީޑު ނެގި އިރު އިތުުރު ވަގުތުގެ ފުރަތަމަ ހާފުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޓީމުން ލީޑު ފުޅާކުރި ލަނޑު ޖެހީ މަޓެއޯ ޕެސީނާއެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮސްޓްރިއާއިން ވަނީ އިޓަލީ ކޮޅަށް ގޯލެއް ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާސާ ކަލައިޗީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!