ރިޕޯޓް

ޝެނީ އާންޓީގެ ކުއްލި ވަކިވުން: މުޅި އޮމަދޫ ކަރުނުން ފުރިފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"އެކަހަލަ ދަރިއެއް ނުލިބޭނެ" ރޭ ހާލުބޮޑުވެގެން މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 22 އަހަރުގެ އާމިނަތު ޝެނީފާއާ ބެހޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން އޭނާގެ ދޮންތަ، އައިޝަތު ރިފްޝާނާ އެންމެ ފުރަތަމަ ވެސް ބުނީ މިހެންނެވެ.

Ads by MWSC

ކުޑަކޮށް ބަލިކޮށް އުޅޭތީ މާލެ ދާން އިއްޔެ ޝެނީފާގެ ފިރިމީހާ އޮތީ ލޯންޗެއް ވެސް ހަމަޖައްސައިފައެވެ. އެކަމަކު އޭގެ ކުރިން ހޭނެތިގެން ވެއްޓި ރަށު މަރުކަޒަށް ގެންދިޔައީ ކަމަށް ޝެނީގެ ދޮންތަ ބުންޏެވެ. ބަލިކޮށް އުޅޭތީ މީގެ ދުވަސްކޮޅެއް ކުރިން މަހިބަދޫ އަންހެނުންގެ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދައިފައިވާ ކަމަށް ރިފްޝާނާ ބުންޏެވެ.

"ކުޑަކޮށް ބަލިކޮށް އުޅުނީ. މަހިބަދޫއަށް ދެއްކީމަ ބުނީ ރަނގަޅޭ ބޭބީ ވެސް ޝެނީ ވެސް ކުޑަކޮށް ޕްރެޝަރު މަތީއޭ. ހަފްތާއެއް ވަރުވަންދެން ޕްރެޝަރު ބަލަން ބުނި" މަހިބަދޫއަށް ޑޮކްޓަރަށް ދެއްކި ވާހަކަ ޝެނީގެ ދޮންތަ ބުންޏެވެ.

އިއްޔެ ޝެނީފާގެ ހާލު ގޯސްވެ ކޮޓަރިތެރެއަށް ވެއްޓުނު ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން ވެސް ހޭއަރައި މާލޭގައި ހުރި އޭނާގެ މަންމައާ ފޯނުން ވާހަކަދެއްކި ކަމަށާއި އަނެއްކާ ހާލު ގޯސްވީ މަންމައާ ވާހަކަ ދެއްކުމަށް ފަހު ފިރިމީހާއަށް ގުޅައިގެން ފޯނުގައި އޮއްވާކަމަށް ޝެނީފާގެ އާއިލާއިން ބުނެއެވެ.

"މާލެދާން ތައްޔާރުކޮށްފައި އޮއްވާ އެއްޗެއް ވެއްޓުނު އަޑު އިވިގެން ފިރިމީހާގެ ދޮންތަ ގޮސް ބެލި އިރު ޝެނީ އޮތީ ވެއްޓިފަ. ދެން ނަގައިގެން އެނދުގައި ބާއްވައިގެން ޝެނީގެ މަންމައަށް ގުޅައިގެން ވާހަކަ ދައްކަން އޮއްވާ، ބާރު ގަނޑެއް އަރާފަ ކުއްލިއަކަށް ހުއްޓުނީ" ރޮވޭ ވަަރުން ވާހަކަ ކުރިއަށް ގެންދަން އުނދަގޫވެފައިވާ ހާލުގައި ހުރެ ރިފްޝާނާ ކިޔައިދިނެވެ.

"ދެން"އަށް މައުލޫމާތު ދެމުން އޮމަދޫ ކޮމިއުނިޓީ ހެލްތް އޮފިސަރ، އަހުމަދު ނަޝީދު ވިދާޅުވީ ޝެނީފާ ފުރަތަމަ އޮމަދޫ ހެލްތު ސެންޓަރަށް ގެންދެވުނީ އިއްޔެގެ މެންދުރު 12:44 ހާއިރު ބޮލުގައި ރިއްސާތީ ކަމަށެވެ. އެގޮތުން ބީޕީ ޗެކް ކުރި ކަމަށާއި ޝެނީގެ ބީޕީ ހުރީ ވެސް ވަރަށް މަތީގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ރަށުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މަހިބަދޫއަށް ފޮނުވައިފައި ވަނީ އިއްޔެ 3:30 ހާއިރެވެ.

މަހިބަދޫން މާލެއަށް އިތުރު ފަރުވާއަށް ޝެނީ ފޮނުވައިލީ އިރުއޮއްސި 6:30 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.

މާލެ ގެނައުމަށް ފަހު ދެންކަންތައް ވީގޮތް ކިޔައިދެމުން ރިފްޝާނާ ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލުދަށަށް ދަމުން ދިޔަ ކަމަށާއި އޮޕަރޭޝަން ކޮށްގެން ބޭބީ ނަގަން ޖެހިދާނެކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ދަށްވަމުން ދިޔައީ. އޮކްސިޖަން ދަށްވީއޭ ބުނީ. ދެން ބުނީ އެއްވެސް އެއްޗެއް ނުދޭށޭ އޮޕަރޭޝަން އަކަށް ދާންޖެހިދާނޭ. ދެން އެހިން ކީއްވީހޭ ބޭބީ ގޯސް ވީހޭ ބުނީމަ ބުނީ ނޫނެކޭ. ދެން އެންމެން ނެރެފަ ޑޮކްޓަރު އައިސް ކިޔާދޭނޭ ކިޔާފަ ފިރިމީހާ ވެސް ނެރުނު. ދެން މާ ގޯސް ވީ އޭ ކިޔާފަ އައިސީޔޫއަށް ލާންށޭ ކިޔާފަ އެކި މީހުން އެކި ކޮޅަށް ދުވަން ފެށީ. އެކަމަކު އައިސީޔޫއަށް ގެންދާ ތަނެއް ވެސް ނުފެނޭ ޖަވާބެއް ނުދޭ" ރޮމުންރޮމުން ރިފްޝާނާ ކިޔައިދިނެވެ.

އެންމެފަހުން ، ނިޔާވިކަން އާއިލާއަށް އެންގިއިރު 11:30 ހާއިރު ވެދާނެކަމަށް ރިފްޝާނާ ބުންޏެވެ.

ޝެނީފާގެ ކުއްލި ވަކިވުމާއެކު މުޅި އާއިލާ ވަނީ ހުއްޓުން އަރައިފައެވެ. މުޅި އޮމަދޫ ކަރުނައަޅައި ރޮނީއެވެ. ވަކިވެދިޔައީ މަންމައަކަށް ޓަކައި ގުރުބާން ވަމުން ދިޔަ ދަރިއެއްކަމަށް ވެސް އާއިލާއިން ބުނެއެވެ.

"ވަކިވެގެން އެދިޔައީ ނަމޫނާ ދަރިއެއް. ކަންކަމާ ކުރިމަތިލާން ކެރޭ ހިތްވަރު ގަދަ ކުއްޖެއް. ވަޒީފާގައި ވެސް އަމިއްލަ ކަމެއް ކަމުގައި ދެކިގެން ކަމަށް ކަމޭހިތައިގެން ކުރިއަށް ދިޔައީ. މުޅި ރަށަށް ލިބުނު ގެއްލުމެއް ހިތާމައެއް. އަޅުގަނޑު މީނީ ޝޮކްގައި އަދިވެސް. " ޝެނީފާއާ ބެހޭގޮތުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ދެން" އަށް ވިދާޅުވިއެވެ.

ޝެނީފާއަކީ އެންމެނާ ވެސް ގުޅޭ މަޑުމައިތި ހިތްހެޔޮ އެކުވެރިއެކެވެ. އެތައް ކުދިންނެއްގެ ލޯބިވާ "ޝެނީ އާންޓީ"އެވެ. އެތައް ބެލެނިވެރިންގެ ހިތްހަމަޖެހޭ ގާތް އެކުވެރިއެކެވެ.

އުމުރުން 18 އަހަރު ވީންސުރެ އާއިލާގެ ހުރިހާ ކަމެއްހެން ބަލަހައްޓަމުން މުޅި އާއިލާގެ ހުރިހާ ޒިންމާއެއް ނެގީ ޝެނީފާއެވެ. މާބަނޑުވެ ބަނޑަށް 20 ހަފްތާގައި ޝެނީފާ ކުއްލިއަކަށް ވަކިވެގެން ދިޔައީ މުޅި އޮމަދޫ ރޮއްވައިލައިފައެވެ.

Ads by HDC
  1. އެކުވެރިއެއް

    މަށައްވެސް ރޮވިއްޖެ