ކޮވިޑާއި ގުޅިގެން ސަފާރީތަކުގެ ކަންބޮޑުވުން މިނިސްޓަރަށް ހުށައަޅައިފި
ކޮވިޑް 19ގެ ސަބަބުން ސަފާރީތަކަށް ދިމާވެފައިވާ މައްސަލަތަކާއި ކުރިމަތިވާ ގޮންޖެހުންތަކުގެ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާ ހިއްސާކޮށްފިއެވެ.
ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ޓޫރިޒަމް މިނިސްޓަރާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުންނާ ދެމެދު މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އުޅަނދުތައް ރާއްޖޭގެ އުޅަނދުތަކާއި ވާދަކުރާނެ އުސޫލެއް ނެތުމާއި، ކޯވިޑާއި ގުޅިގެން ސަފާރީތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ލޯނު އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.
އަދި ހަމައެހެންމެ ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެ އަންނަ މީހުންނަށް ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑައިލައިފައިވާތީ އެ ސަރަހައްދުތަކުން މުވައްޒަފުން ގެނައުމަށް ދަތިވެފައިވާކަން ވަނީ ފާހަގަކޮށް އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
ކޮވިޑް 19ގެ މިހާލަތުގެ ސަބަބުން އާއިލާއާއި އަނބިދަރިން ގާތަށް ނުދެވި ތިބި ދިވެހި މުއައްޒަފުންނަށް ކަރަންޓީނާ ނުލައި އާއިލާ ކައިރިއަށް ދިގު މުއްދަތެއްގެ ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓިން އެސޯސިއޭޝަނުން މިނިސްޓަރަށް ހުށައެޅި ހުރިހާ ކަންބޮޑުވުންތަކެއް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ދެއްވާފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ކޮވިޑްގެ މިހާލާތުގައި ސަރުކާރުން ފިޔަވަޅު އަޅަމުން އަންނައިރު ރެސްޓޯރެންޓް ދާއިރާގެ ހިންގާ ފަރާތްތަކުގެ ބަހެއް ނުހޯދާ ކަމަށާއި ކޮވިޑްގެ މިހާލަތުގައި ރެސްޓޯރެންޓްތަކުގެ ވެރިން ހާލުގައި ޖެހި މަގުމަތި ވެފައިވާކަމަށް ބުނެ ރެސްޓޯރެންޓްތަކުގެ ވެރިން އިއްޔެ ވަނީ އެއްވެފައެވެ.