ކޮވިޑް-19 ޖެހުނުތާ 2 މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލާ ދަތުރު ކުރެވޭނެ
ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ލުއިތަކަށް އަމަލު ކުރަން ފަށާނީ ޖުލައި 1 އިން ފެށިގެން ކަމަށެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން މިދިޔަ މަހު ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ވަނީ ޚާއްސާ ފިޔަވަޅުތަކެއް ޚާއްސަކޮށް މާލެ ސަރަޙައްދުގައި އަޅައިފައެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ބޮޑުތަނުން ކޮންޓްރޯލު ވެފައިވާތީ ސަރުކާރުން މިއަދު އިއުލާނު ކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާފިއު ގަޑި ރޭގަނޑު 8:00 އިން އަނެއް ދުވަހުގެ ފަތިހު 4:00 އަށް ކުޑަ ކުރުމާއި، ހުރިހާ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތައް ވެސް އެ ގަޑީގައި ހުޅުވޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. މީގެއިތުރުން ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް 2 މަސް ނުވާނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުކުުރެވޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.