ޑރ. އިޔާޒަށް އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ނޫން: އިމްރާން
ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވަކިކުރުމަކީ، އެމްއެންޔޫއިން އެމަނިކުފާނާ މެދު އެޅި އިންސާފުވެރި ފިޔަވަޅެއް ނޫން ކަމުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ވަޒީފާއިން މިއަދު ވަކި ކުރުމާ ގުޅިގެން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"ޑރ. އިޔާޒްގެ ބައެއް ފިޤްހީ ރަޢުޔާ އަޅުގަނޑަށް އެއްބަސް ނުވެވުނަސް އެމަނިކުފާނާ މެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމުގައި ނުދެކެން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ ދީނީ ޚިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއި އިލްމީގޮތުން ރީތި އަޚްލާޤާ އެކު ބަހުސްކޮށް ހައްލު ހޯދެން ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމީ ޔުނިވާސިޓީން ޑރ. އިޔާޒާ މެދު އެޅި ފިޔަވަޅު މުރާޖަޢާ ކުރުމަށް ވެސް އަދާލަތު ޕާޓީގެ ރައީސް ގޮވައިލައްވައިފައި ވެއެވެ.
އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒް ވަކި ކުރައްވައިފައި މި ވަނީ، އަންހެންކުދިން ޚިތާނުކުރުމާ މެދު އެމަނިކުފާނު ކުރެއްވި ޓްވީޓަކަށް ފަހު، އެމަނިކުފާނަކީ އެކަމަށް ހިތްވަރު ދޭ ބޭފުޅެއް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ނަމަވެސް ޑރ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރަން އެއްވެސް އިރަކު ވަކާލާތު ނުކުރައްވާ ކަމަށެވެ.
އެންމެ ފަހުން ކަލޭގެ އަނގަ ފަޅައިފި ދޯ! މަޤާމުގެ ދަހިވެތި ކަމުގަ މިއޮށް ހުރިހާ ދުވަހު އަނގަ ބަންދު ކޮށްގެން ހުރީ