ޚަބަރު

ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތް ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، 01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ގޮތަށް ވެސް ބަދަލު ގެނެސްފިއެވެ.

Ads by STELCO

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 01 ޖުލައި 2021އިން ފެށިގެން 8 ޖުލައި 2021ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ތިރީގައިވާ ގޮތްތަކަށް ކަމަށެވެ.

1- 01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވައިލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00އާ ދެމެދުގައެވެ.

2- 01 ޖުލައި 2021އިން ފެށިގެން 8 ޖުލައި 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއް ވެސް ބޭނުންކުރެވިދާނެއެވެ.

3- ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުންކުރެވިދާނެއެވެ.

4- ކާފިއު ގަޑިތަކުގައި، Gov/Companyގެ ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަންގަވަންވާނެއެވެ.

ކޮވިޑުގެ ޙާލަތާ ގުޅިގެން ކުރިން އަޅައިފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން 01 ޖުލައި 2021އިން ފެށިގެން ހުއްޓައިލައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ. އަދި މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!