ދީން

މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމުން، އެމީހުންނާ މެދު ހެޔޮކޮށް ހިތާނީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މައިންބަފައިން ވަކިވެ ދިޔުމަކީ ކޮންމެ މީހަކަށް ވެސް އެކަމުގެ ހިތާމަ އިންތިހާއަށް ކުރާނެ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އުސޫލަކީ ނެތުމުގެ ތެރެއިން ދުނިޔެއަށް އަންނަ ބީދައިން ދުނިޔެއިން ވަކިވެގެން ދާން ޖެހުމެވެ.

Ads by STELCO

މައިންބަފައިންނަކީ އެބަޔަކަށް އަހަރެމެން އެންމެ ބޮޑަށް އަޅާލުމާއި ލޯބި ދޭން ޖެހޭނެ މީހުންނެވެ. އަހަރެމެންގެ ރައްކަލަށާއި ދުޅަހެޔޮ ކަމަށް ދުނިޔޭގައި އެ އިއްޒަތްތެރި މައިންބަފައިން ކުރި ބުރަ މަސައްކަތަކީ އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެންގެ މައްޗަށް އޮތީ އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ''އުފް'' ވެސް ނުބުނުމެވެ. މައިންބަފައިންނަކީ އެހެން ދީނެއްގެ މީހެއް ނަމަވެސް ﷲއަށް އުރެދުމެއް ނުވާ ކަމެއްގައި ނަމަ އެމީހުންނަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.

އެ މައިންބަފައިންނަށް ދުނިޔޭގައި ހެޔޮކޮށް ހިތި ފަދައިން އެމީހުން ވަކިވެ ދިޔުމަށް ފަހު ވެސް އެމީހުންނާ މެދު ހެޔޮކޮށް ހިތަން ޖެހެއެވެ. އެމީހުންނަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭން ޖެހެއެވެ. ދަރީން މައިންބަފައިންގެ މައްޗަށް ކުރާ ހެޔޮ ދުޢާ އަކީ އެމީހުންނަށް އެކަމުގެ މަންފާ ލިބޭނެ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މައިންބަފައިންގެ ދަރަޖަ އުފުލޭނެ ކަމެކެވެ.

އަބޫ އުސަޢީދު މާލިކު ބުނު ރަބީޢަތުއްސާޢިދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިއްބާ، އެކަލޭގެފާނުގެ އަރިހަށް ބަނީ ސަލަމާގެ މީހަކު އައެވެ. އަދި އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ މަރުވުމަށް ފަހު އެ ދެމީހުންނަށް ހެޔޮކޮށް ހިތާނެ ގޮތެއް އެބައޮތްތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. އެއީ އެދެމީހުންނަށް ޓަކައި ހެޔޮ ދުޢާ ކުރުމާއި، އެދެމީހުންގެ ފާފަފުއްސެވުން އެދި ދެންނެވުމާއި، އެ ދެމީހުން ކޮށްފައިވާ ޢަހުދުތަކަށް އެ ދެމީހުން މަރުވުމަށް ފަހުގައި ވެސް ވަފާތެރިވުމާއި، އެދެމީހުންނާ ލައިގެން ނޫނީ ތިބާއަށް ނުގުޅޭނެ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހި ކުރުމާއި، އެދެމީހުންގެ ރަޙްމަތްތެރިންނަށް މާތްކޮށް ހިތުމެވެ.

ހިނގައި ދިޔަ އެހެން ޙާދިޘާއެއް ބަޔާން ކޮށްފައިވެއެވެ.

ޢަބްދުﷲ ބުނު ދީނާރު – ރަޙިމަހުﷲ ، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެއްފަހަރަކު އިބްނު އުމަރު رضي اللهعنهما މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އަޢުރާބީންގެ (އެބަހީ؛ ރަށްފުށުގެ އަހުލުވެރިންގެ) ތެރެއިން މީހަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އެހިނދު އިބްނު ޢުމަރު رضي الله عنهما އޭނާއާ ސަލާމްކު ރެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވި ސަވާރީއަށް އެމީހާ ސަވާރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި އޮތް ފަގުޑި ނަންގަވައި އެމީހާގެ ބޮލުގައި އެޅުއްވިއެވެ.އިބްނު ދީނާރު ވިދާޅުވިއެވެ. އަހަރެމެން ދެންނެވީމެވެ. ﷲ ކަލޭގެފާނު އިޞްލާހު ކުރައްވާށިއެވެ! އެބައިމީހުންނަކީ ރަށްފުށުގެ މީހުންނެވެ. އެބައިމީހުން އެއަށްވުރެ ލުއިގޮތަށް (އެބަހީ އެއަށްވުރެ އާދައިގެ ގޮތަކަށްވެސް) ރުހެއެވެ.

އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ހަމަކަށަވަރުން މިމީހާގެ ބައްޕައަކީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ ގާތް ރަޙްމަތްތެރި މީހެކެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ. إنَّ أبرَّ البِرِّ صِلَةُ الرَّجُلِ أهْلَ وُدِّ أبِيهِމާނައީ؛ އެންމެ މޮޅު ބިއްރަކީ (އެބަހީ؛ މައިންބަފައިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މޮޅު ކަމަކީ) މީހާ އޭނާގެ ބައްޕަގެ ގާތްމީހުންނާ ގުޅުން ބަދަހި ކުރުމެވެ.

އެހެންކަމަށް ވުމާއެކު މައިންބަފައިން ދުނިޔޭގައި ތިއްބެވި ނަމަ ، މިއަދު އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. އޯގާތެރިވެ ލައްވާށެވެ. މަޑުމޮޅިކަމާއެކު ބަސް ބުނާށެވެ. މައިންބަފައިން ވަކިވެ ދިޔަ ނަމަވެސް އެމީހުންނަށް ފައިދާ ކުރަނިވި ޢަމަލު ކުރުންމަތީ އަހަރެމެން ދެމި ތިބެން ޖެހޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!