ދުނިޔެ

އޮރެންޖް ދިޔަ ބޭނުންކޮށްގެން ކޮވިޑަށް ފައްސި ޓެސްޓް ނަތީޖާ ނެރޭ މައްސަލައެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ޖެހުމުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ ބަންދެއް ލިބެއެވެ. އައިސޮލޭޝަންގައި ހޭދަ ކުރަން ޖެހޭ މިމުއްދަތުގައި މަސައްކަތުގެ މާހައުލާއި ސްކޫލުގެ ކިޔެވުމާ ދުރަށް ދިއުމުގެ ފުރުސަތު ލިބޭތީ ދުނިޔޭގެ އެކި ހިސާބުތަކުގައި "ފޭކް" ޓެސްޓް ނަތީޖާތަކެއް ނެރެ މިކަމުގެ ނާޖާއިޒު ފައިދާ ނަގާކަމުގެ ރިޕޯޓްތައް މަދުން ނަމަވެސް ލިބެއެވެ. މިފަހަރު މިކަން ކުރީ އިނގިރޭސި ވިލާތުގެ ސްކޫލެއްގެ ދަރިވަރުންނެވެ. މި ކުދިން ކޮވިޑް-19 ފައްސި (ޕޮޒިޓިވް) ނަތީޖާ ނެރުނީ އޮރެންޖު ދިޔަ ބޭނުންކޮށްގެންނެވެ.

Ads by Sosun Fihaara

މި ޚަބަރު ރިޕޯޓް ކުރި "ގަ ގާޑިއަން" ނޫހުގެ ނޫސްވެރިން ވަނީ މިއީ ތެދެއްތޯ ބެލުމަށް އޮރެންޖް ދިޔަ ބޭނުންކޮށްގެން ކޮވިޑް-19 ޓެސްޓެއް ހަދައިފައެވެ. ނޫސްވެރިން ހެދި ޓެސްޓުން ވެސް ދައްކަނީ ފައްސި ކަމަށެވެ. ޓެސްޓްގެ ނަތީޖާ މިހެން ދެއްކި ނަމަވެސް މިއީ އޮރެންޖްގައި ކޮވިޑް-19 ވައިރަސް ހުރުމެއް ނޫނެވެ. މިގޮތަށް ނަތީޖާ ފައްސިކަމަށް ދައްކަނީ އޮރެންޖްގައި ހިމެނޭ އެސިޑްގެ ސަބަބުން ޓެސްޓް ކުރާ މާއްދާތަކަށް އަސަރުކޮށްގެންނެވެ. ކޮކާ ކޯލާ އަދި ކެޗްއަޕްއިން ވެސް ފައްސި ނަތީޖާ ނެރެވޭ ކަމަށް މީގެ ކުރިން ބައެއް ޚަބަރު ފަތުރާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިގޮތަށް ފޭކް ކޮވިޑް-19 ޓެސްޓް ހަދާ ޓްރެންޑެއް މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ވެސް ވަނީ އާއްމުވެފައެވެ. ހޭޝްޓެގް ފޭކް ކޮވިޑް ޓެސްޓް ނަމުގައި ދައުރުވާ ވީޑިއޯތަކުގައި އެކިއެކި ތަކެތި ބޭނުންކޮށްގެން ކޮވިޑް-19އަށް ޓެސްޓް ކުރެއެވެ. އެ ގޮތުން ބައެއް ތަކެތިން ފައްސި ނަތީޖާ ދައްކާ ކަމަށްވެއެވެ. "ދަ ގާޑިއަން" އިން ރިޕޯޓް ކުރާ ގޮތުގައި ޓިކްޓޮކްގައި މިފަދަ 100 އެއްހާ ވީޑިއޯ އެބަ ދައުރުވެއެވެ. އަދި މި ވީޑިއޯތަަކަށް 6.5 މިލިޔަން ވިއުސް ވަނީ ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!