ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު 15ވަނަ ފަހަރަށް އިތުރު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.

Ads by Hajj Corporation

މިފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ 2020 ވަނަ އަހަރުގެ މާރޗު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެއަށް ފަހު މިއީ މި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލި 15 ވަނަ ފަހަރެވެ.

މިފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވަނީ އަންނަ އޯގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް ދިގު ދަންމާލައިފައިވާއިރު، ނިމިދިޔަ މެއި އަދި ޖޫން މަހަކީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވި ދެ މަހެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު އަންނަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ.

އެޗްޕީއޭއިން އިއްޔެއާ ހަމައަށް ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއަށް 74000 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އޭގެ ތެރެއިން 70000 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިބަލީގައި މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!