ޚަބަރު

ދެ މަސް ފަހުން އޭދަފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހު މޮނީޓަރިންގެ ހާލަތަށް ގެނައި ބ.އޭދަފުށީގެ މޮނީޓަރިންގެ ހާލަތު މިއަދު އުވައިލައިފިއެވެ.

Ads by STELCO

އޭދަފުށިން އެންމެ ފަހުން މީހަކު ކޮވިޑަށް ފައްސިވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތު އުވައިލިއިރު އެ ރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 2 އެވެ.

އޭދަފުށި ހޮސްޕިޓަލުން ވަނީ ، ރަށް މޮނިޓަރިން ހާލަތުން ނެގުނު ކަމުގައި ވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މާސްކު އެޅުމާއި، ގިނަގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުން އަދި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް އެ ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރިވެފައެވެ.

ހުމުގެ އަލާމަތްތައް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވުމާ ގުޅިގެން އޭދަފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގައެވެ. އެ ދުވަހުން ފެށިގެން އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށް، އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތާއި ވަކި ތަރުތީބެއް ނެތި ސުންކު ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އޭދަފުށީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެ ރަށުން 315 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ކޮވިޑް ބަލީގައި އެ ރަށުން ދެ މީހަކު ވަނީ ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!