11 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލާން ހުޅުވައިލައިފި

11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިމަތިލާން ވަގުތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވައިލައިފިއެވެ.
އީސީން ވިދާޅުވީ، 11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ ރަށެއްގައި މި މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވައިލައިފައި ވަނީ މިދިޔަ މަހު 23ގައި ކަމަށެވެ. އަދި ބާކީ ފަސް ރަށަށް އެ ފުރުސަތު ހުޅުވައިލީ މިމަހު އެއްވަނަ ދުވަހުއެވެ.
މި ދިޔަ މަހު 23 ވަނަ ދުވަހު ފުރުސަތު ހުޅުވައިލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ކ. ދިއްފުށިން އެއް ގޮނޑި، އއ. ފެރިދޫން 4 ގޮނޑި، ވ. ރަކީދޫން 5 ގޮނޑި، މ. ރަތްމަންދޫން 5 ގޮނޑި އަދި ލ. މާބައިދޫން 1 ގޮނޑިއެވެ. އަދި މި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލާން ފޯމު ހުށަހަޅާ ފަރާތްތަކުން މި މަހު އަށްވަނަ ދުވަހުގެ މެންދުރު ފަހު 1:00ގެ ކުރިން ފޯމު ހުށަހަޅަން އީސީން އެދިފައި ވެއެވެ.
މީގެ އިތުރުން މި މަހު އެއްވަނަ ދުވަހު ފުރުސަތު ހުޅުވައިލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނޮޅިވަރަމުން 1 ގޮނޑި، ހއ. ވަށަފަރުން 1 ގޮނޑި، ހދ. ނޭކުރަންދޫން 2 ގޮނޑި، ނ. ކެނދިކުޅުދޫން 2 ގޮނޑި، އަދި ބ ފުޅަދޫން 1 ގޮނޑިއެވެ.އަދި މި ރަށްރަށުގެ ފަރާތުން އެ މަގާމަށް ކުރިމަތި ލުމަށް ފޯމު ހުށަހަޅާ ފަރާތްތަކުން މި މަހު 16 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.
އީސީން ވިދާޅުވީ މި 11 ރަށަށް މިހާރު ފުރުސަތު ހުޅުވާލައިފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ކުރިމަތި ލައިފައި ނުވާ ކަމަށެވެ. އެހެންކަމުން ސުންގަޑި ހަމަ ވުމުގެ ކުރިން ފޯމުތައް ހުށަހެޅުމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.