ޚަބަރު

ޝަރުޢީ ރުޤްޔާ ކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝަރުޢީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް މި ހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި، އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިޚް މުޙައްމަދު ޠާޙާއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ރަޖިސްޓްރީ ކުރެއްވުމުގެ އެންމެ ފަހު ދުވަހަކީ 09 ޖުލައި 2021 އެވެ. ކޯހުގެ ފީއަކީ 500 ރުފިޔާއެވެ.

ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 8:00އިން 9:00އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ އަޤީދާ، އެސްފީނާ، ހަސަދަ، ސިޙުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޯހުގައި ރެޖިސްޓަރވުމަށް ނަން ޖެއްސެވުމަށް ފަހު 9461475 ނަންބަރު ފޯނަށް ވައިބާ ކުރެއްވުމުން އެކަން ހަމަޖެހިގެންދާނެއެވެ.

މި ކޯހާ ބެހޭގޮތުން ޝައިޚް ޠާހާ ވިދާޅުވިގޮތުގައި ޝަރުޢީ ރުޤުޔާގެ ނަމުގައި މިހާރު މުޖުތަމަޢުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ދަނީ އޮޅުވައިލަމުންނެވެ. އެހެންކަމުން ޝަރުޢީ ރުޤްޔާގެ ސައްޙަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި ޢާއިލާގެ މީހުންނަށް ރުޤްޔާ ކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަރަބި ބަސް ދަސްކޮށްދޭ ކޯހެއް ވެސް ފެށުމަށް ތައްޔާރު ވެފައިވާކަމަށް ޝައިޚް މަޢުލޫމާތުދެއްވައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 9461475އަށް މެސެޖްކުރެއްވުމުން ލިބިލައްވާނެއެވެ.

ޝައިޚް ޠާހާއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިން "ޑިޕްލޮމާ އިން އެރެބިކް ލެންގުއެޖް" އަދި "ބެޗެލަރސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން "މާސްޓަރސް އޮފް ލޯސް (އެލް.އެލް.އެމް)" އަދި "މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ" ވެސް އެ ބޭފުޅާ ވަނީ ވިލާ ކޮލެޖުން ފުރިހަމަ ކުރައްވައިފައެވެ. ޝެއިޚް ޠާޙާ ޤައުމީ ޔުނިވަރސިޓީއިން ފުރިހަމަކުރެއްވި މާސްޓަރސްގެ ތީސީސް "ދަ އެކްޓް އޮފް ބްލެކް މެޖިކް އެންޑް ދަ ސޯޝަލް ސްޓިގްމާ: ޗެލެންޖެސް ފޯ ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް" އަށް ވަނީ އެއްވަނަ ދަރަޖައިގެ ފާހެއް ލިބިފައެވެ.

ޝަރުޢީ ރުޤްޔާގެ ދާއިރާގައި ޝައިޚް 10 އަހަރު ހޭދަކުރައްވާފައިވާއިރު، ޝަރުޢީ ރުޤްޔާގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޚާލިދް އަލް ޙިބްޝީގެ އަރިހުން އޭނާ ވަނީ ޝަރުޢީ ރުޤްޔާ ޢިލްމުގެ ބޮޑުބައެއް ވެސް އުނގެނިވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!