ޚަބަރު

ވަޒީފާއިން ވަކި ކުރި މައްސަލައިގައި އިޔާޒް ޓްރައިބިއުނަލްއަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖްސް

ޤައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު، އެ މަގާމުން ވަކިކުރި މައްސަލައިގައި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅައިފިއެވެ.

Ads by Hajj Corporation

ޑރ. އިޔާޒް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ލިބުނު ވަގުތު ވަކީލަކު ހަމަޖައްސައި، މައްސަލަ ޓްރައިބިއުނަލްއަށް ލައިފައިވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ "ޕޭޕަރ ވޯކްސް" ކަމަށް ވެސް އިޔާޒް ފާހަގަ ކުރެއްވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ އެންމެ ފުރަތަމަ ލިބުނީ ލިޔުމުން ނަސޭހަތްތެރި ވެފައިވާ ކަމުގެ ލިޔުން ކަމަށާއި، އެ ލިޔުމުގައި އަނގަ ބަހުން ނަސޭޙަތްތެރި ވެފައިވާ ކަމަށް އޮތް ނަމަވެސް އަނގަބަހުން އޭނާއަށް ނަސޭހަތް ދެއްވައިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލަ ބެލުމަށް ކޮމިޓީގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލު ވުމުގައި ވެސް ކޮމިޓީން ނިންމި ނިންމުމުގައި ޑރ. އިޔާޒްގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި ކަމުގައި އިޔާޒް ފާހަގަ ކުރެއްވިއެވެ.

މި ހުރިހާ ދުވަހު އެމްއެންޔޫގައި މަސައްކަތް ކުރި އިރު، އެތަނުން ވަޒީފާގެ ބަޔާން އަދިވެސް ނުދޭ. އެހާ ދޯދިޔާކޮށް ހިންގާ ތަނެއް އެއީ

ލިޔުމުން ނަސޭހަތް ދިނުމަށް ފަހުގައި ދެން ލިބުނީ އިންޒާރު ކަމަށް ފާހަގަ ކުރައްވައި ޑރ.އިޔާޒް ވިދާޅުވީ، އެއިން އެއްވެސް ލިޔުމެއްގައި ޑރ. އިޔާޒްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އެމީހުންނަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ތުހުމަތު ކުރެވޭ މައްސަލައަކީ ކޮބައިކަން އަންގައިދިނުމަށް އެދި އީމެއިލްއެއް ވެސް އެމީހުންނަށް ކުރި ކަމަށާއި ބަދަލުގައި ހަމައެކަނި ލިބުނު ޖަވާބަކީ އެ ލިޔުން އެމީހުންނަށް ލިބިފައިިވާ ކަމަށެވެ. އަދި އެ މައްސަލަ ވެސް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ޔުނިވާސިޓިން އިޔާޒް ވަކިކޮށްފައި ވަނީ ވަރަށް ބޭއިންސާފުން ކަމަށާއި، މި ގޮތަށް އެތައް މުވައްޒަފަކު އެ ޔުނިވާސިޓީން އަދި ކުރިއަށް އޮތްތާގައި ކަނޑާނެ ކަމަށެވެ. އެގޮތުން ޑރ. އިޔާޒް ފާހަގަ ކުރެއްވީ ޝެއިޚް ޒައިދަށް ވެސް ލިޔުމުން ނަސޭހަތް ދިނުމަށް ފަހު އިންޒާރުގެ ލިޔުން ފޮނުވައިފައިވާ ކަމަށެވެ.

އެމްއެންޔޫގެ ވައިސް ޗާންސްލާ މުހައްމަދު ޝަރީފަށް ތުހުމަތު ކުރައްވައި ޑރ. އިޔާޒް ވިދާޅުވީ، ޝަރީފް މަސައްކަތް ކުރައްވަނީ ޔުނިވާސިޓީން އިސްލާމް މާއްދާ ބޭރު ކޮށްލެވޭތޯ ކަމަށެވެ. އަދި މި ވަޒީފާއިން އިޔާޒް ވަކި ކުރާނެ ކަމަށް ޝަރީިފް ވިދާޅުވެފައިވާ ކަމަށް އިޔާޒް ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!