ކޮވިޑް-19 ވޭރިއަންޓަކީ ކޮބާ؟ ވޭރިއަންޓްތައް ގިނައިން ފެންނަނީ ކީއްވެ؟
ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިނގިރޭސިވިލާތް މިދިޔަ އަހަރު ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ހަރުކަށި ލޮކްޑައުން އަކަށް ދިޔައެވެ. މުޅި ޤައުމު ލޮކްޑައުން ކުރުމުން އިނގިރޭސި ވިލާތުގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވުނެވެ. އެހެން ނަމަވެސް ލަންޑަން ކައިރީ އޮންނަ ސިޓީއެއް ކަމުގައިވާ ކެންޓްގައި ލޮކްޑައުންއާ އެކު ވެސް ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ކެންޓްގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް މުޅި އިނގިރޭސިވިލާތުގެ ހާލަތަށް ބަލައި، އެ ޤައުމުގައި އަޅައިފައިވާ ކޮވިޑް-19 ފިޔަވަޅުތަކަށް ލުއި ދިނެވެ. މި ދިން ލުއި ވެގެން ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވި އިތުރު "ބަލާ" އަކަށެވެ.
އިނގިރޭސިވިލާތުގައި ދިން ލުޔާ އެކު އެ ޤައުމުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މިގޮތަށް ކަން ހިނގާ ދިޔައީ، ކެންޓްގައި އޭރު ކޮވިޑް-19ގެ ފުރަތަމަ ވޭރިއަންޓް ފެތުރިފައި ވުމުންނެވެ. އިނގިރޭސިވިލާތުގައި ފިޔަވަޅުތައް ލުއި ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކެންޓްގައި ފެތުރެމުން ދިޔަ ވައިރަސްގެ ވޭރިއަންޓް މުޅި އިނގިރޭސިވިލާތް ހިޞާރު ކުރިއެވެ. ޑިސެމްބަރު 2 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލޮކްޑައުން އުވައިލި އިރު، ކޮވިޑް-19 ވޭރިއަންޓެއް އުޅޭ ކަމަށް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އާދައިގެ ވައިރަހަށް ވުރެ އަވަހަށް ބަލި ޖެހޭ މި ވޭރިއަންޓް އެންމެ ދެ މަސް ތެރޭ 30 ޤައުމަކުން ފެނި، މުޅި ދުނިޔެއަށް އާ ވޭރިންޓްގެ ބިރުވެރިއަކަން ފެތުރުނެވެ.
ފަހަކަށް އައިސް ކޮވިޑް-19 އެތައް ވޭރިއަންޓެއް ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައި ވެއެވެ. މިހާރު އެންމެން ވެސް ކުރާ އެއް ސުވާލަކީ، ކޮވިޑް-19 ވޭރިއަންޓްތައް ފަހަކަށް އައިސް އިތުރުވަނީ ކީއްވެގެން ތޯއެވެ؟ އަދި ކޮވިޑް-19 އާލަމީ ވަބާއަށް މިކަމުން ކުރާނެ އަސަރަކީ ކޮބާ ހެއްޔެވެ؟
ވޭރިއަންޓަކީ ކޮބާ؟
ވޭރިއަންޓް މަސައްކަތް ކުރާ ގޮތް އެނގެން ބޭނުން ނަމަ އެންމެ ފުރަތަމަ ޖެހޭނީ ވައިރަސްއަކީ ކޮބައިކަން ހޯދާށެވެ.
ވައިރަހަކީ ލޮލަށް ނުފެންނަ ކުޑަކުޑަ ޖަރާސީމެކެވެ. ވައިރަހަކީ ޖަރާސީމްތަކުގެ ތެރެއިން އެންމެ ކުޑަ އަދި އެންމެ އާދައިގެ އެއްޗެވެ. ވައިރަހުގެ އޮންނަނީ އެންމެ މަޤްސަދެކެވެ. އެއީ އާލާވުމެވެ. ނުވަތަ އިތުރު ވުމެވެ. ވައިރަސްގެ ވަށައިގެން ޕްރޮޓީވް ފަށަލައެއް (ކެޕްސިޑް) އޮންނައިރު، ވައިރަހުގެ ތެރޭގައި ނިއުކްލިކް އެސިޑް (ޖެނެޓިކް މެޓީރިއަލް) އެކުލެވިގެންވެއެވެ. ވައިރަސްގައި އެކުލެވޭ ނިއުކްލިކް އެސިޑަކީ ޑިއޮކްސީރައިބޯ ނިއުކްލިކް އެސިޑް (ޑީއެންއޭ)، އަދި ރައިބޯ ނިއުކްލިކް އެސިޑް (އާރއެންއޭ) މި ދެ ވައްތަރުން ކުރެ ކޮންމެވެސް އެއް ވައްތަރެކެވެ. މި ޖެނެޓިކް މެޓީރިއަލްގައި ހިމެނޭ މޮލެކިއުލްތަކުން ކޮންމެ މޮލެކިއުލްއެއްގައި ވައިރަސް އިތުރަށް އާލާވުމަށް އިރުޝާދުތަކެއް ރައްކާކޮށްފައި ހުރެއެވެ.
ވައިރަހަކީ ވަރަށް އާދައިގެ އެއްޗެއް ކަމުން، ވައިރަހަށް އޭގެ ޒާތުގައި އާލާއެއް ނުވެވެއެވެ. ވައިރަސް އިންސާނުން ނުވަތަ ޖަނަވާރުގެ ހަށިގަނޑު ތެރެއަށް ވަންނަނީ މިހެން ވެއެވެ. މިސާލަކަށް ވައިރަހެއް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ ހަށިގަނޑުގެ ތެރޭގައި ހުންނަ ސެލްތަކުގެ ތެރެއަށް ވަދެ،. ވައިރަސް އާލާ ކުރުމުގެ މަސައްކަތް ފަށައެވެ. މިގޮތަށް އާލާ ކުރުމުގައި ބައެއް ފަހަރު އައު ވައިރަސް ހެދުމުގައި ނުބައެއް ހެދެއެވެ.
ކުރިން ބުނެވިދިޔަ އާރއެންއޭ ނުވަތަ ޑީއެންއޭ މޮލެކިއުލްސްތަކަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުން އަލަށްއުފެދޭ ވައިރަސްގައި ތަފާތުތަކެއް ހުރެއެވެ. މިގޮތަށް އަންނަ ބަދަލަށް މިއުޓޭޝަންއޭ ކިޔައެވެ. އަދި ބަދަލު ވެފައިވާ ވައިރަސްއަށް ވޭރިއަންޓޭ ކިޔައެވެ. ވައިރަހަކީ އޭގެ ޒާތުގައި ވަރަށް އަބަދު އާލާވާ އެއްޗަކަށްވާތީ މިފަދަ މިއުޓޭޝަން އައުމަކީ އާއްމު ކަމެކެވެ. މިގޮތަށް އަންނަ މިއުޓޭޝަންތައް އާއްމު ގޮތެއްގައި ވައިރަހުގެ ބާރު ކަނޑުވައިލައެވެ. އަދި ވޭރިއަންޓެއް އުޅޭކަން ދެނެނުގަނެވި، ވޭރިއަންޓްތައް ގެއްލޭ ފަހަރު ވެސް އާދެއެވެ.
އެހެން ނަމަވެސް ކޮވިޑް-19 ވައިރަސްގެ ބައެއް މިއުޓޭޝަންތަކުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވާ ކަމަށް ސައިންސްވެރިން 2020 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ އިންޒާރު ދީފައެވެ.
ވޭރިއަންޓް ނުރައްކާތެރި ވަނީ ކީއްވެ؟
ކޮރޯނާ ވައިރަސް އިންސާނާގެ ހަށިގަނޑަށް އެތެރެވުމަށް ޓަކައި ވައިރަސްގެ ވަށައިގެންވާ ސްޕައިކް ޕްރޮޓީން ބޭނުން ކުރެއެވެ. މިގޮތަށް އިންސާނާގެ ހަށިގަނޑުގެ ސެލްތަކާ ބައިންޑްވުމުގައި ވައިރަސްގެ ކުރީ ކޮޅު އުނދަގޫ ތަކެއް ކުރިމަތިއެވެ. އެއީ ސްޕައިކް ޕްރޮޓީންގެ ހުންނަ ބައްޓަމާއި ހަށިގަނޑުގެ ސެލްތަކުގެ ބައްޓަމާ އެއްގޮތް ނުވީމައެވެ. އެހެން ނަމަވެސް ކޮވިޑް-19 ވޭރިއަންޓާ އެކު ސްޕައިކް ޕްރޮޓީންގެ ބައްޓަމަަށް ބަދަލުތަކެއް އައިސް ހަށިގަނޑުގެ ސެލްތަކާ ބައިންޑް ވުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނެވެ. މިކަން މިހެންވުމުގެ ސަބަބުން ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެއެވެ. ބައެއް ފަހަރު ވައިރަސް ހަށިގަނޑުގެ ސެލްތަކާ ބައިންޑް ވުމަށް މަސައްކަތްކޮށް ނާކާމިޔާބު ވުމުން ހަށިގަނޑުގެ ދިފައީ ނިޒާމުން ވައިރަސްއާ ހަނގުރާމަކޮށް ވައިރަސް މަރައިލައެވެ. ކޮވިޑް-19 ވޭރިއަންޓާ އެކު މިފުރުސަތު ހަނިވެގެން ދިޔައެވެ.
ވައިރަހުގެ ވޭރިއަންޓެއް އުފެދެނީ ވައިރަހަށް ހެދޭ ނުބައެއްގެ ސަބަބުންނެވެ. ވައިރަސް ދުނިޔޭގައި ގިނަ ދުވަސް ވާވަރަކަށް މިގޮތަށް ހެދޭ ގޯސްތައް އިތުރުވެއެވެ. އަދި ބައެއް ވޭރިއަންޓްތަކަކީ މާ ހަލުވި ކަމާއެކު ފެތުރޭ ގޮތަށް މިއުޓޭޓް ވެފައިވާ ވައިރަސް ކަމުން، މިޒާތުގެ ވޭރިންޓްތައް ދުނިޔޭގައި ވަކި ހިއްޕައިލައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވޭރިއަންޓްސް އޮފް ކޮންސާން، ނުވަތަ ސަމާލުވާންވީ ވޭރިއަންޓްތަކުގެ ގޮތުގައި ހަތަރު ވޭރިއަންޓެއް ހިމަނައިފައިވެއެވެ.
B.1.1.7 އަލްފާ: މި ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުންނެވެ. މި ވޭރިއަންޓަށް ޔޫކޭ ވޭރިއަންޓްއޭ ކިޔާ އުޅެއެވެ.
B.1.351 ބީޓާ: މި ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ސައުތު އެފްރިކާއިންނެވެ.
P.1 ގެމާ: މި ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ މިއަހަރު ޖެނުއަރީ މަހު މަހުގެ ތެރޭގައި ބްރެޒިލް އިންނެވެ
B.1.617.2 ޑެލްޓާ: މިއީ އިންޑިއާ ވޭރިއަންޓެވެ. މި ވޭރިއަންޓް ވެސް ފުރަތަމަ ފެނިފައި ވަނީ އިންޑިއާއިންނެވެ.
ވޭރިއަންޓްތަކުން ވެސް ވެކްސިނުން ރައްކާތެރިކަން ފޯރުކޮށްދޭ!
ކޮވިޑް-19 ވޭރިއަންޓްތަކާ ގުޅޭ ގޮތުން އެންމެ ފުރިހަމަ މަޢުލޫމާތު ލިބެން އަދި ނެތަސް، ސައިންސްވެރިން ދަނީ ކޮންމެ ދުވަހަކު ވެސް އެތައް ދިރާސާއެއްކޮށް، މި ވޭރިއަންޓްތަކާ ގުޅޭ މަޢުލޫމާތު އެއްކުރަމުންނެވެ. މިގޮތުން އެއް ފަހަރު ބަލި ޖެހިފައިވާ މީހުންނަށް ވޭރިއަންޓްތަކުގެ ސަބަބުން ދެވަނަ ފަހަރަށް ބަލި ޖެހެން ފެށުމުން، ކޮވިޑް-19އަށް ދިފާއުވުމަށް އުފައްދައިފައިވާ ވެކްސިންތަކުން ބަލިން ރައްކާތެރިކޮށްދޭތޯ ކުރަމުން އައި ސުވާލުތަކަށް ސައިންސްވެރިން ވަނީ ޖަވާބު ދީފައެވެ. މިގޮތުން ސައިންސްވެރިންގެ ދިރާސާތަކުން ދުނިޔޭގައި މިހާރު ބޭނުން ކުރަމުންދާ އާއްމުކޮށް ހުރިހާ މަޝްހޫރު ވެކްސިނެއް ވެސް މިވޭރިންޓްތަކާ ދެކޮޅަށް މަސައްކަތް ކުރެއެވެ.
މީގެ އިތުރުން ވޭރިއަންޓްގެ ސަބަބުން ބަލީގައި ބޮޑުވަރުވި ނަމަވެސް، މިހާރުވެސް ބޭނުން ކުރަމުންދާ ބޭސްތަކުން މި ބައްޔަށް ފަރުވާ ކުރެއެވެ. އަދި ހަމަ އެހެންމެ، ބައެއް ވޭރިއަންޓްތައް ޓެސްޓް ކުރުމުން ނުދައްކާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަން ވެސް ފާހަގަކޮށްލެވެއެވެ.