މާޅޮހުގައި އުފަންވެ އެ ރަށުގައި ރެޖިސްޓްރީ ކުރާ ކުދިންނަށް ކައުންސިލުން ހަދިޔާ ފޮށި ބަހަނީ

އއ. މާޅޮހުގައި އުފަންވެ އެ ރަށުގައި ރެޖިސްޓްރީ ކުރާ ކުދިންނަށް އެ ރަށު ކައުންސިލުން ހަދިޔާ ފޮށި ބަހަން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން އެކުލަވައިލައިފައިވާ އުޞޫލުގައި ބުނެފައި ވަނީ، މި އުޞޫލުގެ ދަށުން ހަދިޔާ ފޮށީގައި ހިމެނޭނީ 350 އާއި 500 ދިވެހި ރުފިޔާއާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދީންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެތި ކަމަށާއި ހަދިޔާ ހުންނާނީ ޕާރުސަލު ކުރެވިފައި ކަމަށެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ ހަދިޔާ ފޮށި ދިނުމަށް ހަމަޖެހިފައި ވަނީ، އުފަންވާ ކުދީންގެ ތެރެއިން އެ ރަށުގައި ރަޖިސްޓަރީ ކުރާ ކޮންމެ ކުއްޖަކަށް ކަމަށެވެ. އެ ރަށުގައި އުފަން ވިޔަސް، އެ ރަށުގައި ރެޖިސްޓްރީ ނުކުރާ ނަމަ ހަދިޔާ ފޮށި ނުލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައި ވަނީ، އެހެން ރަށަކަށް ރަޖިސްޓަރީކޮށް އަލުން އެ ރަށަށް ރަޖިސްޓަރީ ކުރާ ކުދީންގެ ތެރެއިން މި ހަދިޔާ ފޮށި ލިބޭނީ އުމުރުން އެއް އަހަރުން ދަށުގެ ކުދީންނަށް ކަމަށާއި ހަދިޔާ ހަވާލު ކުރެވޭނީ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓަރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި އެ ކުއްޖާ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓަރީގައި ކުއްޖާ ހިމެނުމުން ކަމަށެވެ.