ޚަބަރު

ކޮވިޑާ ގުޅިގެން އޭޑީކޭން އެޅި ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމައިފިއެވެ.

Ads by Hajj Corporation

ކޮވިޑާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި، އެތަނުގައި ސިއްހީ ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ މިންވަރަށް ބަލާ، އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި، އެގޮތުން ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.

މާދަމާއިން ފެށިގެން ތިރީގައި އެވާ ބަދަލުތައް ގެނައުމަށް އޭޑީކޭއިން ވަނީ ނިންމާފައެވެ.

  • އޯޕީޑީގެ ހިދުމަތް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލުން. ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލަކަށް ނުވަދެވޭނެއެވެ.
  • ބައެއް އިލެކްޓިވް ސާޖަރީތައް ފެށުން
  • ބަލިމީހުން އެޑިމިޓްކުރުން އަލުން ފެށުން. ބަލިމީހާ ކައިރީގައި މަޑުކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރައްވާފައިވާ އެއް ބޭފުޅަކަށެވެ. އަދި އެ ބޭފުޅާއަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް ބޭފުޅަކަށް ވާން ޖެހޭނެއެވެ. އަދި ބަލިމީހާ ކައިރީގައި އިންނަވަނިކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނަރުހުންނަށް އަންގަވަންވާނެއެވެ.
  • ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ޒިޔާރަތްކުރުން އަދިވެސް ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން އެމަޖެންސީ ޚިދުމަތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ދެމުން ގެންދާނެ ކަމުގައި އޭޑީކޭއިން ބުންޏެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!