ދިއްދޫގެ ހާލަތު ގޯސްވެ ކާފިއު ގަޑި އިތުރުކޮށްފި
ހއ. ދިއްދޫގެ ކޮވިޑް ހާލަތު ގޯސްވެ، ކާފިއުގެ ވަގުތު އިތުރު ކުރަން ނިންމައިފައިވާކަމަށް އެރަށު ކައުންސިލް ބުނެފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ދިއްދޫ މޮނިޓަރިން އަށް ލީ ދެވަނަ ފަހަރު ކަމަށާއި މިފަހަރު ފުރަތަމަ ވޭދަނަ ފެނުނީ މިދިޔަ ޖޫން މަހުގައި ކަމަށެވެ. އެއާ އެކު ޖޫން މަހުގެ 24 ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލައިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ރަށް އަނެއްކާ ވެސް މޮނިޓަރިންއަށް ލީ. މިހާތަނަށް 98 މީހަކު ވަނީ ބައްޔަށް ފައްސިވެފަ. އެއީ ކުރީ ފަހަރާ އެކު. ނަތީޖާ ނުލިބޭ 62 މީހަކު އެބަތިބި. 250 ވަރަކަށް ގެ މިވަގުތު ވަނީ ކަރަންޓީނު ކުރެވިފަ" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒާއި ޓާސްކު ފޯހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަން އެދިފައި ކަމަށާއި އެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ލިބިފައިވާ ކަމަށެވެ. މިގޮތުން ކާފިއުގެ ވަގުތު އިތުރުކުރުމަށް ނިންމައިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.
"ފިޔަވަޅުތައް ހަރުކަށިކުރުމަށް އެދުމުން އެ ކަމަށް ހުއްދަ ވަނީ ލިބިފައި. އެހެންވީމަ މިހާރު ކާފިއުގެ ވަގުތު މިވަނީ ހަވީރު 4އިން ފަތިހު 4އަށް އިތުރުކޮށްފައި." ރަޝީދު ވިދާޅުވިއެވެ.
ދިއްދޫ ފްލޫ ކްލިނިކުން މިދިޔަ ޖޫން މަހުގެ 24 އިން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނެގުނު ސުންކުތަކުގެ ތެރެއިން 35 ސުންކެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިކަމަށް މައުލޫމާތު ލިބެއެވެ.
މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވުމުން އެ ފަހަރު އެރަށް 1 މަހާއި 4 ދުވަހު މޮނިޓަރިންގައި އޮތެވެ. އަދި މެއި 15 ވަނަ ދުވަހު އެ އިހަލުގައި ކޯވިޑަށް ފައްސިވެގެން ކަރަންޓީނުގައި ގޭގައި ހުރި އުމުރުން 83 އަހަރު އަންހެނަކު ވަނީ ނިޔާވެފައެވެ.