ރެވެނިއު ސްޓޭމްޕް އުވައިލާން މަޖިލީހުން ފާސްކޮށްފި
އެކިއެކި ލިޔުންތަކުގައި ޖެހުމަށް ރެވެނިއު ސްޓޭމްޕް ބޭނުން ކުރުން ހުއްޓައިލާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހުން ފާސް ކޮށްފިއެވެ.
1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ރެވެނިއު ސްޓޭމްޕް ޖެހުން އުވައިލާން މަޖިލީހަށް ހުށަހެޅުއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.
ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދަށް ބަލާއިރު އޭގެން ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށް އާޒިމް ހުށަހެޅުއްވި ބިލުގައި ވިދާޅުވެފައި ވެއެވެ. އަދި ރެވެނިއު ސްޓޭމްޕް ގަތުމަށް ހޭދަކުރާ ފައިސާއަކީ، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީއާއި އެ ނޫން ވެސް ފައިސާގެ ތެރެއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ބިލެއް ކަމުން އެ ބިލު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓައިލާން ފެންނަ ކަމަށް، ކަމަށް ވެސް އާޒިމް ހުށަހެޅުއްވި ބިލުގައި ވެއެވެ.
ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލް މަޖިލީހުން ފާސްކުރީ އެކަމުގެ ވޯޓްގައި ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.