ޚަބަރު

މާލެއިން މިއަދު ފައްސިވީ 15 މީހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މާލެ ސަރަހައްދުން މިއަދު ކޮވިޑް19އަށް ފައްސިވެފައި ވަނީ އެންމެ 15 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އެޗްޕީއޭއިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑް19އަށް ފައްސިވެފައި ވަނީ 129 މީހުންނެވެ. މިއާ އެކު ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 74،480 އަށް އަރައިފައެވެ. މީގެ ތެރެއިން 3226 މީހުން އަދިވެސް ބަލިން ރަނގަޅު ނުވެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ އިރު 71،029 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު މާލެއިން ކޮވިޑް-19އަށް ފައްސިވީ 15 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް ފައްސިވެފައި ވަނީ 111 މީހުންނެވެ. މީގެ އިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން އިތުރު 2 މީހަކާއި ކަނޑު އުޅަނދު ފަހަރުން އެކަކު މި ބައްޔަށް ފައްސި ވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިގެން މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ހާލަތު ރަނގަޅުވެ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު މަދުކޮށް ބަލި ޖެހި ރަނގަޅުވި މީހުންނަށް ބަލި ޖެހުނު ދުވަހުން ފެށިގެން 60 ދުވަސްތެރޭ ކަރަންޓީނާ ނުލައި ދަތުުރު ކުރެވޭނެ އުސޫލެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!