ދެވަނަ ދައުރެއް ބޭނުންވާ ވާހަކަ ރައީސް ޞާލިހް ވިދާޅެއް ނުވޭ: ރައީސް ނަޝީދު
2018ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަަދު ޞާލިޙް ދެވަނަ ދައުރެއް ބޭނުންފުޅުވާ ވާހަކަ ވިދާޅުނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އާއްމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ އާސްކް ސްޕީކާ ޕްރޮގްރާމްގައި ޕްރައިމަރީއަކާ ނުލައި ރައީސް ޞާލިހަށް ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމާ މެދު ޚިޔާލެއް އޮތްތޯ މީހަކު ސުވާލު ކުރުމުންނެވެ.
"ރައީސް ޞާލިހް އަޅުގަނޑު ކައިރީ ވިދާޅުވެފައެއް ނުވޭ އިތުރު ދައުރަކަށް އެ ބޭފުޅާ ކުރިމަތި ލައްވަން އެދޭ ކަމަކަށް. ދެން އަޅުގަނޑު އެދޭ ވާހަކަ އަޅުގަނޑު މިދަނީ ތަކުރާރުކޮށް ދަންނަވަމުން." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ފުރިހަމަ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ހުރިހާ ކަމެއް ނިންމާނީީ ވޯޓުން ކަމަށެވެ. އަދި ވޯޓުން ފާސްވާ ގޮތަކަށް ރައީސް ނަޝީދު ވެސް އަދި ރައީސް ޞާލިޙް ވެސް ކަންތައް ކުރައްވާނެ ކަަމަށް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީ ބައިބައެއް ނުވާނެ. އެމަކާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނުހިނގާ. އެމްޑީޕީގެ މެންބަރުންނަކީ އެމްޑީޕީގެ ޑިމޮކްރަޓިކް އުސޫލުތަކުން ނިންމާ ނިންމުމުގެ ފަހަތަށް ހުރިހާ މެންބަރުން ވެސް އަރާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.
ބައެއް ފަރާތަކުން ރައީސް ނަޝީދާ ރައީސް ޞާލިހްއާ ދެމެދު ދެބަސްވުންތަކެއް ހުރި ކަމަށް ދެވެކޭ ވާހަކައާ ގުޅުވައިގެން، ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ މާ ބޮޑު ހަސަދަވެރިން ކަމަށް ބައެއް ފަރާތްތަކުން ވިސްނަވާ ވިސްނެވުން ވިސްނިވަޑައިނުގަންނަވާ ކަމަށާއި ޚިޔާލު ތަފާތު ވަނީ ކުދިކުދި ކަންކަމުގައި ކަމަށެވެ. އަދި މިވަގުތު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ އިހްލާސްތެރި ބޭފުޅަކީ އެމަނިކުފާނު ކަމަށާއި ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް އެއް ބޭފުޅަކަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.