ނަޝީދު ބޭނުންފުޅު ވަނީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން

ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް ބޮޑު ކުރަން ޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އާންމު ރައްޔިތުންނަށް ފުރުސަތު ހުޅުވައިލައިގެން އެމަނިކުފާނާ ކުރަން ބޭނުން ސުވާލެއް ކުރުމަށް "އާސްކް ސްޕީކާ" ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ޕްރޮގުރާމްގައެވެ.
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެ އަދަދު ބޮޑު ކުރުމާ އެކު އެފަދަ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އިނާޔަތް ބޮޑުކުރާ ވާހަކަ ދެކެވޭއިރު ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ހީނަރުވެ، އުފެއްދުންތެރިކަށް ދަށަށް ގޮސް، ޓޫރިޒަމް އެކީހެން ހުއްޓިފައިވާ ކަމަށާއި، ޓޫރިޒަމް އޮކިއުޕަންސީ މިވަގުތު 50 ޕަސަންޓަށް ވެސް ނާރާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެލަވަންސް ބޮޑު ކުރާ ނަމަ އެކަން ކުރަންޖެހޭނީ ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިކިޔުމަށް ފަހު ކަމުގައި ކަމަށާއި، އެހެން ނޫނީ ހަރަދުތައް އިތުރުވެ ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.





.webp)

ކޮމެންޓް