ކުޅިވަރު

ސްޕެއިންގެ ސަޕޯޓަރުން ރޮއްވައިލާ، އިޓަލީ ފައިނަލަށް

ދެން އެމްވީ ، ދެން އޮންލައިން

ޔޫރޯ 2020ގެ ސެމީ ފައިނަލުގައި ސްޕެއިންއާއި އިޓަލީ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އިޓަލީން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

Ads by Hajj Corporation

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ރާއްޖެ ގަޑިން 00:00ގައި ކުޅެވުނު މެޗު ނިމުނުއިރު 1-1އިން އެއްވަރުވެފައި ވާތީ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ މެޗުގައި ސްޕެއިނުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެ އިޓަލީގެ ގޯލަށް ނުރައްކާކުރި އިރު، މެޗުގެ ކުރީކޮޅު ސްޕެއިންގެ ޑަނީ އޮލްމޯއާއި ފެރާން ޓޮރޭސްއަށް ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތައް ބޭނުން ނުކުރެވި ނާކާމިޔާބުވީއެވެ. އަދި އިޓަލީން ވެސް ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ ކޮންޓްރޯލް އިޓަލީން އަތުލިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ވަނީ ހިތްގައިމު ލަނޑަކުން އިޓަލީއަށް ލީޑު ނަގައިދީފައެވެ.އެ ގޯލާ އެކު ވީހާ ވެސް ހިފަހައްޓައިގެން ޑިފެންސިވް ގޭމެއް އިޓަލީން ކުޅުނު ތަން ފެނުނެވެ. ނަމަވެސް މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޕެއިންގެ އަލްވާރޯ މޮރާޓާ ވަނީ އެ ޓީމަށް އެއްވަރު ކޮށްދީފައެވެ.

90 މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ 2 ހާފުން ވެސް ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި އިޓަލީ ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީތަކުވެ ތެރެއިން އިޓަލީގެ މަނުުއެލް ލަކޮޓެއްލީ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޖެހި ޕެނަލްޓީތައް ވަނީ ކާމިޔާބު ކޮށްފައެވެ. އެކަމަކު ސްޕެއިންގެ އޮލްމޯއާއި މޮރާޓާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މިއީ 2012ވަނަ އަހަރަށް ފަހު ޔޫރޯގެ ފައިނަލަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރެވެެ. 2012ވަނަ އަހަރު އިޓަލީ ފައިނަލުގައި ބަލިވީ ވެސް ސްޕެއިން އަތުންނެވެ. ސްޕެއިން އަތުން ހޯދި މޮޅާ އެކު އިޓަލީ ފައިނަލްގެ ފުރަތަމަ ޖާގަ މި ވަނީ ޔަގީން ކޮށްފައެވެ. ފައިނަލުގައި އެ ޓީމަށް ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!