ކޮވިޑް-19: ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް އިއުލާންކުރުން މިއަދު
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް އިއުލާންކުރުމަށް މިއަދު ޕްރެސްއެއް ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކްއާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިއަދު 14:30 ގައި ނޫސްވެރިންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ޕްރެސްގައި ކޮވިޑްގެ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް އިއުލާން ކުރާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ފައްސިވާ އަދަދު މަދުވުމާ ގުޅިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާ ގަޑި ޖުލައި 1 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8 އިން ފަތިހު 4އަކަށް ކުރު ކުރުމާއި، އެނޫން ގަޑިތަކުގައި ފާހަކާ ނުލައި ބޭރުގައި އުޅެވޭނެ ގޮތަށް ލުއި ދިނުމާއި، ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އެތެރޭގައި ތިބެ ކެއިންބުއިމުގެ ޚިދުމަތް ދެވޭނެގޮތަށް ހުޅުވައިލުމާއި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވައިލުން ފަދަ ލުއިތައް ހިމެނެއެވެ.
މީގެ އިތުރުން ކޮވިޑް ބަލިޖެހި ރަނގަޅުވެފައިވާ ފަރާތްތަކުން ބަލި ރަނގަޅުވެ 60 ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުން އެހެން ރަށްރަށަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވެސް ވަނީ ހުޅުވައިލައިފައެވެ.