ވެކްސިން ފުރިހަމަ ކޮށްފައި ވާ ނަމަ ނައްސި ނަތީޖާއަކާ އެކު ކަރަންޓީނުން ވީއްލޭނެ
މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެސް ލުއި ލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ނައްސި ޕީސީއާރް ޓެސްޓާއެކު ކަރަންޓީނުގެ މުއްދަތު ނިންމައިލެވޭނެ ކަމަށެވެ.
“މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިން 2 ޑޯޒް ޖަހައި، 14 ދުވަސް ހަމަވެފައި ތިބި މީހުން އެތަނެއްގައި ހުރެ ޕީސީއާރް ޓެސްޓު ހަދައި ނައްސި ނަތީޖާއާ އެކު ކަރަންޓީން ނިންމައިލެވޭނެ” މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިކަމުގައި އަމަލުކުރަން ޖެހޭ ގޮތް ވަރަށް އަވަހަށް އާންުމުކުރާނެ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް މިހާރު އިއުލާންކޮށްފައިވާ އިރު އޭގެ ތެރޭގައި ކަރަންޓީންވުމަކާ ނުލައި ދެކުނު އޭޝިއާގެ ޤައުމުތަކުން ރިސޯޓްތަކަށް އެތެރެވުމުގެ ހުއްދަ ދިނުމާއި، މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު ވަގުތު އުވައިލުމާއި، ރޭގަނޑު 11:30 ވަންދެން ފިހާރަތައް ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އަދި މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީން ވުމަކާ ނުލާ ދަތުރު ކުރެވޭގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.