ޚަބަރު

ވެކްސިން ފުރިހަމަ ކުރިޔަސް 29 ރަށަކަށް ނުދެވޭނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަރައިފޭބުން މަނާކޮށްފައި ނެތް ރަށެއް ނަމަ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް 29 ރަށެއް މިހާރު ވެސް އަރައިފޭބުން މަނާ ހާލަތުގައި އެބައޮތްކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

Ads by STELCO

އިއްޔެ ދިން ލުއިތަކާ އެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނު ނުވެ މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. އެހެން ނަމަވެސް މި ވަގުތު ވެސް 29 ރަށެއް މޮނިޓަރިންގައި އެބައޮތް ކަމަށާއި އެ ރަށްތަކަށް އެ ލުއިތަކާ އެކު ދަތުރު ނުކުރެވޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަަށްތަކުގެ ތެރޭގައި އެންމެ ގިނައީ ލ އަތޮޅު އަދި ގއ އަތޮޅުގެ ރަށްތަކެވެ. އެގޮތުން ގއ އަތޮޅުގެ 5 ރަށަކާއި ލ އަތޮޅުގެ ވެސް 5 ރަށެއް މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރޭގައި ހިމެނެއެވެ.

ގއ އަތޮޅުގެ ވިލިނގިއްޔާއި ކޫއްޑޫއާއި މާމެންދުއާއި ގެމަނަފުށި އަދި ކޮލަމާފުށި އޮތީ މޮނިޓަރިންގައެވެ. ލ.އަތޮޅުގެ މާވަށާއި އިސްދޫ އަދި ކަލައިދޫއާއި ގަމާއި ފޮނަދޫ އޮތީ މޮނިޓަރިންގައެވެ.

ރ އަތޮޅުގެ ފައިނާއި އަލިފުއްޓާއި މީދޫ އަދި ދުވާފަރު އޮތީ މޮނިޓަރިންގައެވެ. ނ. އަތޮޅުގެ ވެލިދޫ އަދި މިލަދޫ އޮތީ މޮނިޓަރިންގައެވެ. ގދ އަތޮޅުގެ ތިނަދޫއާއި ގައްދޫ އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކ އަތޮޅުގެ ހިންމަފުއްޓާއި ގުރައިދޫ މޮނިޓަރިންގައި އޮތް އިރު ޅ އަތޮޅުގައި މޮނިޓަރިންގައި އޮތީ ނައިފަރު އެކަންޏެވެ. އަދި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ވެސް އޮތީ މޮނިޓަރިންގައެވެ.

މީގެ އިތުރުން އދ. މާމިގިލި އަދި އއ.ތޮއްޑޫގެ އިތުރުން ހދ. ހަނިމާދޫ އާއި ހއ.ދިއްދޫ ވެސް އޮތީ މޮނިޓަރިންގައެވެ. އަދި ފ އަތޮޅު ފީއަލީ ވެސް އޮތީ މޮނިޓަރިންގައެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެ މީހަކު ހުރި ރަށެއްގެ ފައްސިވާ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ފައްސިވާ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށްވާތީ މާލޭގައި ދިރިއުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެއެވެ

ކޮވިޑް-19އަށް ފައްސިވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނު ވުމެއްނެތި ރަށްރަށަށް ދެވޭނެއެވެ.

Ads by Ooredoo
  1. މުހައްމަދު

    މާމިގިލީލ މޮނީޓަރިނގ އިން ނަގައިފި…