ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިއްޖެ
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރުމާ އެކު ވައިޖެހެމުން ދާތީ ކަނޑުދަތުރުފަތުުރު ކުރުމުގައި ސަމާލުވުމަށް އެދިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހި ގުގުރުމާ އެކު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ 10:00 އިން 15:00 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލަރޓް ނެރެފައިވާތީ، އެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް ފަހު ދަތުރުތައް ރޭވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސް ކުރާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މީގެ ދެ ދުވަހެއް ދިން ލުއިތަކާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވެސް މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. އަދި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް ވެސް ދެ މަސް ނުވާނަމަ ކަރަންޓީން ވުމަކާ ނުލައި ދަތުރު ކުރެވޭނެއެވެ. އެހެންކަމުން ގިނަ ބަޔަކު އީދު ޗުއްޓީއަށް ރަށްރަށަށް ދަތުރު ކުރާނެ ކަމުގައި ބެލެވެއެވެ.