ޚަބަރު

އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ޖީހާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިންނަވަރު ދާއިރިާގެ މެންބަރު ޖީހާން މަޙްމޫދް/ ފޮޓޯ: މިހާރު

އިންޓަރ ޕާރލިމެންޓްރީ ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ މެމްބަރަކު ހޮވިވަޑައިގަންނަވައިފިއެވެ.

Ads by STELCO

މިމަގާމަށް ހޮވިވަޑައިގަންނަވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ގާނޫނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމްއިއްޔާގެ އެ ކޮމިޓީއަށް ޖީހާން އިންތިހާބު ކުރަން ވޯޓު ދިން ހުރިހާ ގައުމަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައިޕީޔޫއަކީ ސަތޭކަ ފަންސާހަށް ވުރެ ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސް ހިމެނޭ ޔޫނިއަނެކެވެ. މި ޔޫނިއަންގެ ކޮމިޓީއަކަށް ޖީހާން ހޮވިވަޑައިގަންނަވައިފައި ވަނީ އޭޝިޔާ ޕެސިފިކް ގުރޫޕުންނެވެ.

އައިޕީޔޫގެ ކޮމިޓީއަކަށް ޖީހާން ހޮވިވަޑައިގަންފައި ވާއިރު އެކި ގައުމުތަކުން އިނގިރޭސިވިލާތަށް އައްޔަންކޮށްފައިވާ އަންހެން ޑިޕްލޮމެޓުންގެ ޖަމްއިއްޔާގެ ރައީސްއަކަށް ޑރ. ފަރަހަނާޒް ފައިސަލް ވެސް މިދިޔަ ޖޫން މަހު ވަނީ ހޮވިވަޑައިގަންފައެވެ. މި ދައުރުގައި އެކަމަނާގެ ނައިބު ރައީސްއަކަށް ހުންނަވާނީ ޖޯޖިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ސޮފީ ކަޓްސަރަވާއެވެ

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ހޮވިވަޑައިގަންފައެވެ. ޝާހިދު އެމަގާމު ކަށަވަރު ކުރެއްވީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!