ޚަބަރު

ކޮވިޑް ސުންކުތަކުގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ރާއްޖޭއިން ޓެސްޓު ކުރި ސުންކުތަކުގެ ޢަދަދު އެއް މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by Sosun Fihaara

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗްމަހުގެ 8 ވަނަ ދުވަހުގެ ފަހުން މިހާތަނަށް 1،087،705 (އެއްމިލިއަން އަށްޑިހަ ހަތްހާސް ހައްސަތޭކަ ފަސް) ސުންކު ވަނީ ޓެސްޓުކޮށްފައެވެ. އަދި އެވްރެޖްކޮށް ރާއްޖޭގައި ޓެސްޓުކުރުމަށް މިހާރު 4000އާއި 7000އާ ދެމެދުގެ ސުންކުތައް ކޮންމެ ދުވަހަކު ވެސް ނަގައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،071 މީހުންނެވެ. ބަލިން ފަސޭހަވެފައި ވަނީ 72،349 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ނިޔާވެފައި ވެއެވެ.

ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މިވަގުތު ވެސް ޓެސްޓުކުރެވޭ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ރާއްޖޭގައި ފައްސިވާ ނިސްބަތް ދަށަށް ދިޔުމާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ދަތުރުކުރެވޭނެ ހުއްދަ ވެސް މިހާރު ވަނީ ދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެވިފައިވާއިރު ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށް، ނައްސި ޕީސީއާރު ޓެސްޓާއެކު މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭ ގޮތަށް މިހާރު ވަނީ ހުއްދަ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!