ރައީސް ޔާމީން ޖަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނީ އީދު ބަންދަށް ފަހު: ކަަރެކްޝަން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނޭހެން ކޮވިޑް-19ގެ ސަބަބުން ގެޔަށް ބަދަލު ކުރި ގައިދީން އަންނަ ބޮޑު އީދު ބަންދަށް ފަހު އަނބުރާ ޖަލަށް ގެންދިޔުމުގެ މަަޝްވަަރާތައް ކުރަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުން ކޮވިޑް 19ގެ ވޭދަނައެއް ފެނި ޖަލުތެރެއަށް ކޮވިޑް ފެތުުރެން ފެށުމުން ޖަލުގައި ތިބި ހައި ރިސްކު ގަައިދީން ވަނީ ގެއަށް ބަދަލު ކޮށްފައެވެ.
ކޮވިޑް19 ގެ ސަބަބުން ހައިރިސްކް ގައިދީން ގެޔަށް ބަދަލުކުރީ ޖަލުގެ ހާލަތު އާންމު ހާލަތަށް އަންނަންދެން ކަމަށް ކަރެކްޝަނުން ބުނެފައިވާއިރު މިހާރު ޖަލުގެ ހާލަތު ރަނގަޅު ކަމަށް މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ޕްރިޒަންސް ކޮމިޝަނަރު ވިދާޅުވިއެވެ.
މިހާރު ޖަލުގައި ކޮވިޑް19 ހަރަކާތްތެރި އެއްވެސް ވޭދަނައެއް ނެތް ކަމަށާއި އެހެން ނަމަވެސް ކަރަންޓީންގައި އަދިވެސް ހަ މީހަކު އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމީހުންގެ ސުންކު ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި އާންމު ހާލަތަކަށް ޖަލު ގެނައުމުގެ ކުރިން ވަކި ތަރުތީބެއް ނެތި ސުންކު ނަގާނެކަމަށް ވެސް ޕްރިޒަންސް ކޮމިޝަނަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގެއަށް ބަދަލުކުރި ހައި ރިސްކު ގައިދީން އަނބުރާ ޖަލަށް ބަދަލުކުރުމާ މެދު ކުރިއަށް އީދު ބަންދަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.