ޚަބަރު

މޮނިޓަރިން އަދާހަމަ: މޮނިޓަރިންގައި މިހާރު އޮތީ 21 ރަށެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި މިހާރު ގެނެވިފައިވާ ރަށްރަށުގެ އަދަދު 21އަށް އަރައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު މިހާރު އޮތް ގޮތުން ނަމަ ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގެ މެދުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްރަށަށް ދިޔުން މަނަލެވެ. އަތޮޅުތެރޭގައި މި ވަގުތު ވެސް 21 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އޭގެ ތެރޭގައި ގދ. ތިނަދޫ، އައްޑޫ ސިޓީ މަރަދޫ، ފޭދޫ، ހިތަދޫ، އަދި މަރަދޫފޭދޫ ހިމެނެއެވެ. މީގެ އިތުރުން ފ. ފީއަލި، ލ. އިސްދޫ، ލ. މާވަށް، ޏ. ފުވައްމުލަށް، ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، ނ. މިލަދޫ، މ. މުލައް، ރ. އަލިފުށި، އއ. ތޮއްޑޫ ހިމެނެއެވެ.

މީގެ އިތުރުން ރ. ދުވާފަރު، ނ. ވެލިދޫ، ރ. ފައިނު، ގއ. ކޫއްޑޫ، ހއ. ދިއްދޫ، ރ. މީދޫ، ކ. ގުރައިދޫ  އަދި ށ އަތޮޅު ފޯކައިދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ އުސޫލުތަކުގައި ވާގޮތުން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު، ނައްސި ޕީސީއާރު ޓެސްޓާއެކު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެއެވެ.

އަދި ކޮވިޑް-19އަށް ފައްސިވާތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ވަނީ ހުއްދަ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!