ކޮވިޑަށް ފަރުވާ ދޭ ވޯޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 60އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ކޮވިޑް-19އަށް ފައްސި މީހުންނަށް ފަރުވާދޭ އިރާގުގެ ހޮސްޕިޓަލެއްގެ ވޯޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން 64 މީހުން މިހާރު ވެސް ވަނީ މަރުވެފައެވެ.
ހެލްތު އޮފިޝަލުން ބުނި ގޮތުގައި ނަސީރިޔާގެ އަލް ހުސެއިން ޓީޗިން ހޮސްޕިޓަލުގައި އިއްޔެ ހިނގި މި އަލިފާނުގެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާ ވެފައެވެ.
ލޯކަލް ހެލްތު އޮތޯރިޓީގެ ތަރުޖަމާނު ހައިދަރު އަލް ޒަމީލީ ބުނީ މި ހާދިސާގައި މަރުވެފައިވާ 52 މީހުންގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު ކަމަށާއި އެކިވަރުގެ ޒަހަމްވެފައިވާ 22 މީހަކު ވެސް ފެނިފައިވާ ކަމަށެވެ.
"އެމީހުން މަރުވެފައި ވަނީ ވަރަށް ބޮޑަށް ފިހިގެން. އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް" ހައިދަރު ބުނެފައިވެއެވެ.
ކޮވިޑް-19އަށް ފައްސިވާ މީހުންނަށް ފަރުވާ ކުރުމަށް އެ ހޮސްޕިޓަލުގައި ޚާއްސަ ވޯޑެއް ހެދީ މީގެ ތިން މަސް ކުރިންނެވެ. އެ ވޯޑުގައި މުޅިއަކު 70 އެނދު ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސިއްޙީ ހިދުމަތްތެރިންނާއި އެ ވޯޑުގެ ސެކިއުރިޓީ ގާޑު ވެސް ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.