ޚަބަރު

ތިނަދޫން ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު 860 އަށް ވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫން އިތުރު 15 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by STELCO

ތިނަދޫން މިހާރު 868 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 180 މީހުން އެބަތިއްބެވެ.

ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 105 ސުންކެއް ވެއެވެ.

މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 686 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މި ވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިފައެވެ.

އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައަޅައި ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރަން ވަނީ ނިންމައިފައެވެ. އަދި ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 8އިން ރޭގަނޑު 10އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 5:30އިން ހެނދުނު 7:00އަށް ފުރުސަތު ހުޅުވައިލުމަށް ނިންމައިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!