އޭކޭގެ ނަން އުނިކޮށް ދިނުމަށް މިހާރު ވާނީ އިލެކްޝަންސްގައި އެދިފައި: އެމްއާރްއެމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ލީޑަރަކަށް ހުންނަވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ)ގެ ނަން އުނި ކޮށްދިނުމަށް މިހާރު އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އެމަނިކުފާނު ހުށަހެޅުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެމަނިކުފާނުގެ ފޯމު ބާތިލު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އީސީން އެ ފޯމު ބާތިލު ކޮށްފައިވަނީ އެމަނިކުފާނު ކުރިން ނިސްބަތްވެ ވަޑައިގެންނެވި އެމްއާރްއެމްގައި އަދިވެސް ކަމާލުއްދީނުގެ ނަން އޮތުމުންނެވެ.
އެކަމާ ގުޅިގެން ކަމާލުއްދީން ވިދާޅުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނު އެމްއާރްއެމްއިން ވަކިވެފައިވާ ކަމަށާއި އެކަން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ޓްވީޓެއް ކުރައްވާ ހާމަ ކުރެއްވި ކަމަށެވެ.
"އެމްއާރްއެމްއިން ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުން އެއީ ވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޅުގަނޑަކަށް އެމްއާރްއެމް ތެރެއަށް ވަދެ އެ ބޭފުޅުން ލައްވާ ކަމެއް ނުކުރުވޭނެ" ކަމާލުއްދީން ވިދާޅުވިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ތަރުޖަމާނު އަބްދުލް އަލީމް އާދަމް ވިދާޅުވީ އެމްއާރްއެމްއިން ވަކިވުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭކޭ ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ ޕާޓީގެ ދަފްތަރުން އެމަނިކުފާނު ވަކި ނުވެ އޮތީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ނުވެ އޮތުމުން ކަމަށެވެ. އަދި މިހާރު އެމަނިކުފާނުގެ ނަން އުނި ކޮށްދިނުމަށް އިލެކްޝަންސްގައި އެދިފައިވާނެ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.