ޚަބަރު

ޓީޗަރުން ބަދަލުކުރުމާ ޖިންސީ ގޯނާގެ މައްސަލައާ ގުޅުމެއް ނެތް: އެޑިއުކޭޝަން މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިއްޒުންދީން ސްކޫލްގެ ހަތަރު ޓީޗަރުން ބަދަލުކުރުމާ ޖިންސީ ގޯނާގެ މައްސަލައާ ގުޅުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޢިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމަވައުފައިވާކަން އެ ފަރާތްތަކަށް އިއްޔެ އަންގައިފައި ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް
ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށްކަމަށެވެ.

އަދި ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައި ވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވައިލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެ 4 ޓީޗަރުން ބަދަލުކުރުމަށް ނިންމައިފައިވާ ނިންމުމާ، މި މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނެތް ކަމަށާއި އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

މީގެ އިތުރުން މި މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އަދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަޤީގަތާ ޚިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މަޢުލޫމާތު ހިމަނައިފައިވާތީ އެކަން އެ މިނިސްޓްރީން ކުށްވެރި ކުރާ ކަމަށާއި އެފަދަ ބަޔާންތައް ނެރުމުގައި ހަޤީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!