Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނަފްރަތުގެ ބިލު ފާސްކުރަން ނުފެންނަ ނަމަ، ސަރުކާރަށް ތާއީދު ކުރަން އުނދަގޫ: ރައީސް ނަޝީދު

ނަފްރަތުގެ ބިލު ފާސްކުރަން ނުފެންނަ ނަމަ، ސަރުކާރަށް ތާއީދު ކުރަން އުނދަގޫ: ރައީސް ނަޝީދު

ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިނގިރޭސި ބަހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށާއި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުކުރާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ހުސެއިން ހުށަހެޅި އެ ބިލުގެ މައްސަލަ އަދި ސަރުކާރުގެ އެހެން ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެއްބާރުލުން ދެއްވުން ހުއްޓައިލައިފައިވާ ކަމަށް މިދިޔަ ހަފުތާގައި އިއުލާނު ކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

އިދިކޮޅު ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަން ހަދަން ބާރު އަޅުއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވައި ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި ދިން ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވީ އެމަނިކުފާނު ކަމަށާއި އެއީ ހަރުކަށި ފިކުރުގެ މީހުން ކުރި ކަމެއް ކަމަށެވެ.

"އެ މީހަކީ ކާފަރެއް ކަމަށް ކަނޑައެޅުމަށް ފަހު ދެން އޮންނަނީ މަރުގެ އަދަބު ދިނުން. އެކަން ތަންފީޒުކުރަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން. މިގޮތަށް ޑރ. އަފްރާޝީމްއާއި ރިލްވާން އަދި ޔާމީނު މަރައިލީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ހިސާނުގެ ބިލް" ގެ ނަމުން ފާހަގަވަމުން އަންނަ ނަފްރަތުގެ ބިލް ހުށަހެޅީ ސަރުކާރުން ކަމަށް ވިޔަސް އެތައް ބައެއްގެ ފިއްތުންތަކާ އެކު، ސަރުކާރުން ފަހުން ބޭނުންވީ އެ ބިލް މަޖިލީހުން ބޭރުކޮށްލާށެވެ. އަދި އެ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ބޮޑު އަރައިރުމެއް އުފެދުމަށް ފަހު، އެއްބަސްވުމަކަށް އައީ ބިލް މަޖިލީހުން ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިލުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް